ކޮންމެ ކަމަކަށް ތިބާއެދުނަސް އެކަން ޙާޞިލުކުރެވެން އޮތް ވަޤުތުކޮޅުގެ ބޭނުން ހިފަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކޮންމެ ކަމަކަށް ތިބާއެދުނަސް އެކަން ޙާޞިލުކުރެވެން އޮތް ވަޤުތުކޮޅުގެ ބޭނުން ހިފަމާ!

މިކަން ގިނަގިނައިން ހަނދުމަކޮށްދޭން މިޖެހެނީ މިއަގުހުރި ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކުރާ މީހުން މަދުކަމުންނެވެ. އެކަމަކު ކޮންމެ މީހަކީވެސް ކޮންމެވެސް ކަމަކަށް ނުވަތަ ކަންތައްތަކަކަށް ބޭނުންވެގެން ހުރިމީހެކެވެ. އެނޫން ހަމައެކަކުވެސް ނެތެވެ.  

ކަންކަމަށް އެދިގެން ހުށަހަޅާ ހުށަހެޅުން ކާމިޔާބުކުރަން ބޭނުންވާނަމަ ހުށަހަޅަން ޖެހެނީ ހުށަހަޅަން އޮންނަ ވަގުތުގައެވެ. ކިތަންމެ ގިނައިރު ކިޔޫގައި ހުރެގެންވެސް އަދި ހޭލައި ހުރެގެންވެސް އެ ވަގުތުގައި ހުށަހަޅަމުއެވެ. ދެން ބަލައިލަންވީ ތިމާ އެދޭ ކޮންމެ ކަމެއް ނުވަތަ ކަންތައްތައް ޔަޤީންކަމާއިއެކު ޙާޞިލުކުރެވެން އޮތް މަގަށެވެ.

މިދަންނަވަނީ އާދައިގެ އިންސާނަކު ދޭ ޔަޤީންކަމެއްގެ ވާހަކައެއް ނޫނެވެ. ކޮންމެ ނިޢްމަތެއްވެސް މިންވަރު ކުރައްވަވާ، ހުރިހާ ކަންކަމެއްވެސް ހިންމަވައި ދެއްވަވާ ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ.  

މިޘާލަކަށް ބުނާނަމަ "ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރައްވަވާ ވަގުތުކޮޅެއްވެއެވެ. ވީމާ އެމީހަކު އެދޭ ކަންކަން ފުއްދަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ."

އެވަގުތުކޮޅު ޔަޤީންކަމާއިއެކުއެނގޭނެ އެއްވެސް ގޮތެއްނެތެވެ. އެނގޭކަމަކީ އެ ވަގުތުކޮޅު ހުކުރުދުވހުގައި ހިމެނިފައިވާކަމެވެ. ގިނަ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެވަގުތުކޮޅު ވަނީ ޢަޞްރުނަމާދާއި އިރުއޮއްސުމާއި ދެމެދުގައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ 

ހަމައެއާއިއެކު މާދަމާއަކީ ހުކުރު ދުވަސްކަމަށްވުމުން ހުކުރުވިލޭރެއިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސުމުގެކުރިން ކަހްފި ސޫރަތް ކިޔަވާށެވެ. ނަބިއްޔާ (ﷺ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.  

މިދުވަސްވަރު ކުރާ ދުޢާގައި ﷲ ތައާލާގެ ޢަދާވާތްތެރިންގެ ކިބައިން ނަޞްރު ދެއްވެވުން އެދުން ހިމަނަންވާނެއެވެ. އިސްލާމްދީން ނިކަމެތިކުރަން މަސައްކަތްކުރާ މީހުންނާއި ދީނަށް ފުރައްސާރަކުރާ މީހުންގެ ކިބައިންނާއި އެމީހުންގެ ވާގިވެރިންގެ ކިބައިން ނަޞްރަށް އެދި ދުޢާކުރަންވާނެއެވެ! ފަލަސްޠީނުގައާއި އެނޫންވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. އެއިރުން ތިބާގެ އަމިއްލަ ބޭނުންތަކަށް އެދި ކުރާ ދުޢާގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ  

އިސްލާމް ދީނާއި މީސްތަކުން ދުރުކުރުވަން ފަތުރާ ކޮންމެ ފިކުރަކުން ސަލާމަތްވެތިބުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ޢަދުއްވުން އަބަދުވެސް ދާނީ ފިކުރުތައް ފަތުރަމުންނެވެ. އަހަރެމެންނަށް އޮތީ އެއިގެ ނުބައިކަމުން ސލާމަތްވެ ތިބުމަށް މަސައްކަތްކުރުމާއިއެކު އެފަދަ ނުބައި ކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން