އަންހެންދަރިފުޅުވެސް އަދި ޅީދަރިފުޅުވެސް ވަޒީފާ އަދާކުރެއެވެ. ހުކުރު ދުވަހެކެވެ. ޅީދަރިފުޅާއި މައިދައިތަ ސިޓިންގރޫމްގައި ތިއްބައި ދަރިފުޅު އައިސް ފަހަރީގެ ކިބައިން އެދުނީ އޭނާއަށް ސައިހަދައި ދިނުމަށެވެ.
ޖަވާބުދިނީ މަންމައެވެ. "ދަރިފުޅާއެވެ! ތިއަ ދެދަރިންވެސް ވަޒީފާއަދާކުރަމުއެވެ. މިއަދަކީ ހުކުރު ދުވަހެވެ. ދެމީހުން އަރާމުކުރަން ބޭނުންވާނެއެވެ. އަދި ހުކުރުދުވަސްވީމާ ކުރަންހުރި މަސައްކަތްތައްވެސް ހުންނާނެއެވެ. ބުރަކަންވާނީ އެއްވަރެވެ.
ވީމާ ފަހަރިއަށް ބުރަނުކުރާށެވެ! އަމިއްލައަށް ސައިހަދައިގެން ބޯށެވެ. އެންމެ ރަނގަޅު ގޮތަކީ އަހުރެމެން ދެމައިން މިތިބީ ސައިބޮއެގެންތޯ ސުވާލުކުރުމެވެ. ނުބޮައި ތިބިނަމަ 3 މައިންނަށް ސައިހެދުމެވެ.
ދަރިފުޅާއެވެ! ދަރިފުޅު މިބުނި ގޮތަށް ކަންތައްކުރާނަމަ ފަހަރިވެސް އެގޮތަށް ކަންތައްކުރާނެއެވެ. ގޭގައި ހަމަޖެހުމާއި އުފާވެރިކަން ދެމިއޮންނާނީ އެންމެން ގުޅިގެން އެކެއްގެ ގޮތުގައި މަސައްކަތްކުރީމައެވެ."
މަންމަ އެހެން ބުނާއިރަށް ދެފަހަރިން އެކުގައި ބަދިގެއަށްވަދެ ގޭގެ އެންމެންނަށް ސައިހަދައިފިއެވެ. ހިނިތުންވެ ތިބެގެންނެވެ.
އަހުރެންނަށް ވިސްނޭގޮތުގައި އެމައިދައިތަ ވަރަށް ކުރު ގޮތަކަށް އެދިން ނަޞީޙަތުގެ ބުރަދަން ވަރަށް ބޮޑެވެ. ގޭގައި އުފާވެރިކަން ދެމިއޮންނާނީ އެގޮތަށް ޢަމަލުކުރީމައެވެ. ފަހަރިއަކީ ބޭރުން އައިސް އިން އަންހެނަކަށްވުމުން އޭނާއަށް ބުރަކުރާނަމަ މައްސަލަ ޖެހޭނެއެވެ. އެކަންކަން އެންމެ ރަނގަޅަށް ކޮންޓްރޯލްކޮށް އެކުވެރިކަން ދެމެހެއްޓުމުގެ އެންމެ ބޮޑުބާރަކީ މައިދައިތައެވެ. ހިތާމައަކީ އެމައިދައިތަ ފަދައިން ވިސްނާ މައިދައިތައިން މަދުކަމެވެ.
- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް