ޢާއިޝަތު ރަފާޙް ޢަލީ
މީހަކު ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ތިމަންނާ ވަރަށް ވަރަށް ބަނޑުހާވެއްޖެއެވެ."
އެހިނދު ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގޭގެއަށް، ގެއަކަށް ފަހު ގެއަކަށް ވަޑައިގެން، ކާއެއްޗެއް ހުރިތޯ އެއްސެވިއެވެ. ނަމަވެސް އެއްވެސް ގެއެއްގައި ކާއެތިކޮޅެއް ނެތެވެ. އެންމެ ހެޔޮވެގެންވާ އިންސާނާގެ އެއްވެސް ގެއެއްގައި ބަނޑުހައިވެފައިވާ މީހަކަށް އަރުވާނެ ކާއެތިކޮޅެއް ނެތެވެ.
ދެން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ:
"اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ ، فَإِنَّهُ لا يَمْلِكُهَا إِلا أَنْتَ" (އޭ ﷲ!އިބަ އިލާހުގެ ފަޟްލަވަންތަކަމާއި ރަޙްމަތަށް އެދި އިލާހުގެ ޙަޟްރަތުން ތިމަންއަޅާ ދަންނަވަމެވެ. ސަބަބަކީ އެދެކަންތައް މިލްކުވެގެންވަނީ ހަމައެކަނި އިބަ އިލާހަށވެ.
މިއީ ވަރަށް ފުރިހަމަ، ދުޢާއެކެވެ. "އޭ ﷲ! އިބަ އިލާހުގެ ފަޟްލަވަންތަކަމާއި ރަޙްމަތަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ތިމަންއަޅާ ދަންނަވަމެވެ. ސަބަބަކީ އެދެކަންތައް މިލްކުވެގެންވަނީ ހަމައެކަނި އިލާހަށެވެ."
އެވަޤުތު މީހަކު ދޮރުގައި ޓަކިޖަހާލުމަށްފަހު، (ފިހެފައިވާ ކަންބަޅިއެއް) ހަދިޔާއެއްގެ ގޮތުގައި ގެނެސްދިނެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "މިއީ ﷲ ގެ ފަޟްލަވަންތަކަމެވެ. ދެން ތިމަންމެން މި އިންތިޒާރުކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތަށެވެ (ސުވަރުގެއަށެވެ)."
ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުއްނިސާގެ 32 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: وَاسْأَلُوا اللَّهَ مِن فَضْلِهِ
މާނަ: އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ!
ސަބަބަކީ ﷲ ޢައްޒަވަޖައްލާގެ ފަޟްލަވަންތަކަމަކީ އަހަރެމެންގެ އުއްމީދުތަކަށްވުރެ މާ ތަނަވަސް އެއްޗެކެވެ. އެއީ ތިބާއަށް އެނގޭ އަދި ނޭނގޭ އެންމެހައި ކަންކަން ހިމެނިގެންވާ އެއްޗެކެވެ. އެ ހުރިހާ ކަމެއް ވަނީ ﷲ ގެ ފަޟްލަވަންތަކަމުގެ ތެރޭގައެވެ.
އެހެންވީމާ، ތިބާ އެދެނީ ކޮންކަމަކަށް ހެއްޔެވެ؟ ދަރަނި ޚަލާޞްވުމަށް ހެއްޔެވެ؟ ދަރިންނަށް ތަޢުފީޤު ދެއްވުމަށް ހެއްޔެވެ؟ صالح އަނބިކަނބަލަކަށް ނުވަތަ صالح ފިރިއަކަށް ހެއްޔެވެ؟ ތިބާ އެދޭ ކޮންމެ ކަމަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟްލަވަންތަކަމުގެ ތެރެއިންވާ ކަންކަމެވެ.
އަދި ﷲ ގެ ރަޙްމަތަކީ ސުވަރުގެއަށް ވަނުމަށް އޮތް ހަމައެކަނި ތަޅުދަނޑިކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. އެއީ ﷲ ގެ ރަޙްމަތެވެ. އަހަރެމެން އެ ދެކަމަށް އެދި ދުޢާކުރަނީ، އެދެކަންތައް މިލްކުވެވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމުގައިވާތީއެވެ.
- ޝައިޚް މުޙައްމަދު މާޖޫރުގެ ދަރުސަކުން
- މިއަދުނޫސް