ބ. ކިހާދޫގެ ގިރާ ސަރަހައްދާއި ކުނީގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ބ. ކިހާދޫގެ ގިރާ ސަރަހައްދާއި ކުނީގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ބ. ކިހާދޫ ކައުންސިލާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ކިހާދޫއަށް ދިމާވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރަށުގެ ގިރާ ސަރަހައްދުގެ މައްސަލައާއި، ކުނި މެނޭޖުކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށެވެ.

ކިހާދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރަށުގެ ބައެއް ސަރަހައްދުތައް ބޮޑުތަނުން ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަނީ މިނިސްޓްރީއާ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުންވެސް ދެފަރާތުން ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ކިހާދޫ ކައުންސިލުން ފާހަގަކުރި ކަންތައްތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފަންނީ ގޮތުންނާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ރަށް ގިރުމުގެ މައްސަލަތަކާއި ކުނީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން