އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގައި ދާއިމީ ސެޓަޕެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢާ ގުޅޭ ދިރާސާތައް ކުރުމާއި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، މާލޭގައި މިފަދަ މަރުކަޒެއް ޤާއިމްކުރަން ނިންމެވީ ކުރިން މި ޚިދުމަތް ދެމުންދިޔަ ގޮތުން ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން ގުޅީފަޅާއި ހިންމަފުށީގައި މިފަދަ ސެޓަޕްތަކެއް ޤާއިމްކުރެވުނު ނަމަވެސް، މާލެއިން ބޭރުގައި އެ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ފަހަކަށް އައިސް އަޅުގަނޑުމެން މިކުރާ ކަމަކީ ގެސްޓްހައުސްއެއްގައި ނުވަތަ ތަނެއް ކުއްޔަަށް ނަގައިގެން މާލޭގައި ބައިތިއްބައިގެން ދޭންޖެހޭ އެހީތެރިކަމެއް ނުވަތަ ނަގަންޖެހޭ ބަޔާނެއް މި ނަގަނީ. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުންމިދަނީ ދާއިމީ ސެޓަޕެއް މާލޭގައި ގާއިމްކުރެވޭނެ ގޮތްތައް ދެނެގަތުމަށް. އެއީ އަދި އެހާ ފަސޭހަ ގޮތަކަށް ނިންމާލެވޭނެ ކަންކަމެއްވެސް ނޫން،" ޑރ. ފައިރޫޝް ވިދާޅުވިއެވެ.
މި ސެޓަޕް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް އަވަސްކަމާއެކު ފޯރުކޮށްދިނުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންސާނީ ވަގުފާރީއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.