ދ. ކުޑަހުވަދޫގައި ސަރުކާރުން ތަރައްޤީކުރާ އައު ހޮސްޕިޓަލް އިމާރާތުގެ
އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ، ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓުގެ އަސާސީ ސާމާނާއި، ލޭބަރ އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ކުޑަހުވަދޫއަށް ބާލާފައި ކަމަށެވެ.
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫޢެކެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ މި ހޮސްޕިޓަލަކީ 5 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށެވެ. އެގޮތުން:
- ގްރައުންޑް ފްލޯ: އީއާރު، ރޭޑިއޮލޮޖީ، ސީޓީ ސްކޭން ސަރވިސް އަދި އިންޕޭޝަންޓް ފަރުވާއަށް 20 އެނދުގެ ވާޑެއް. - ފުރަތަމަ ފަންގިފިލާ: އޯޕީޑީ، ސައިކިއަޓްރީ، ފިޒިއޮތެރަޕީ، ލެބޯޓްރީ އަދި ޑެންޓަލް ޑިޕާރޓްމަންޓް. - ދެވަނަ ފަންގިފިލާ: އައިސީޔޫ، އެންއައިސީޔޫ، އަދި ސަރޖިކަލް ވާޑާއެކު 25 އެނދުގެ ކެޕޭސިޓީ. - ތިންވަނަ ފަންގިފިލާ: ޖެނެރަލް ވާޑާއި ޕްރައިވެޓް ރޫމުތަކާއެކު 22 އެނދު.
ޖުމްލަ 168.3 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާއި 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި ހޮސްޕިޓަލް ނިމުމުން ދ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބިގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.