ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ދެވޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ދެވޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް ކަރަންޓުގެ ޚިދުމަތް ދެވޭނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތްތައް އެއްކޮށް ނިންމުމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހި ނުވަތަ އަލަށް ހިއްކި ސަރަޙައްދުގެ ގެތަކަށް މިވަގުތު ކަރަންޓު ފޯރުކޮށްދެވެން ނެތީ، އެ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަރުޙަލާގައި އޮތުމުންނެވެ. އެ ސަރަޙައްދުގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނީ މި ޕްލޭން އެއްކޮށް ފައިނަލްވުމުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ހުޅުމާލޭގެ ކަރަންޓު ނެޓްވޯކް މީގެކުރިން ބަލަހައްޓަމުން އައީ އެޗްޑީސީން ކަމަށްވީ ނަމަވެސް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތާ ގުޅޭގޮތުން ސްޓެލްކޯއިން ވިދާޅުވީ، އެ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށެވެ. އެގޮތުން، ގޯތި ލިބިފައިވާ މީހުން ކަރަންޓު ގުޅުމަށް އެދި ހުށަހެޅުމުން، އެ ކުންފުނިން ކަނެކްޝަންތައް ގުޅައިދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ހުޅުމާލޭގެ އާ ސަރަޙައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ތިންވަނަ ފިޔަވަހީގެ ޕްލޭންތައް ނިމުނުހާ އަވަހަކަށް، އެ ސަރަޙައްދުގެ ކަރަންޓު ނެޓްވޯކް އެޅުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށާނެއެވެ.

މިއަދު އޮންލައިން