ދެމަފިރިން ވަކިވުމަކީ ދަތިއުނދަގޫ ކަމެއްކަމަށް ލައްވަވާފައި ނެތުމަކީ ހިތަށް އަރާއިރަށް ވަރިކުރުމާ ވަރިވުން ހުއްދަވާ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދެމަފިރިން ވަކިވުމަކީ ދަތިއުނދަގޫ ކަމެއްކަމަށް ލައްވަވާފައި ނެތުމަކީ ހިތަށް އަރާއިރަށް ވަރިކުރުމާ ވަރިވުން ހުއްދަވާ ސަބަބެއް ނޫން!

ފުރަތަމަ ކަމަކީ ކައިވެނިކުރާނެ މީހަކު ލިބޭއިރަށް އެމީހަކާ ކައިވެނިކުރަން ބޭނުންވެ ކުރިން ކޮށްގެންހުރި ކައިވެނި ރޫޅައިލުމަކީ އިސްލާމް ދީނުގައި އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ކައިވެނި ކުރުމަށްވުރެވެސް މުހިންމީ ކޮށްގެން ހުރި ކައިވެނި ދެމެހެއްޓުމެވެ.  

ތަނަވަސްކަން ހުރިނަމަ، ނުވަތަ ސިފަރީތިނަމަ، ނުވަތަ މަތީ ދަރަޖައެއް ލިބިފައިވާނަމަ އެމީހެއްގެ ފަހަތުން މީސްތަކުން އެނބުރޭނެއެވެ. އެމީހަކާއި ކައިވެނިކުރަން ބޭނުންވާ މީހުންވެސް ވަރަށް ގިނަވާނެއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެއިގެ މާނައަކީ އެއެންމެންނަކީ ތިބާ ދެކެ ޙަޤީޤީ ލޯބިވެގެން ނުވަތަ ތިބާއަށް ރުހިގެން ތިބާގެ ވަށައިގެން އެނބުރޭ ބައަކު ނޫންކަމެވެ.  

ބައެއް މީހުން ހެނދުނު އޮފީހަށްދާ ހެދުން މެންދުރު އޮފީހުން އައިސް ބަދަލުކުރެއެވެ. އެއަށްފަހު ލާ ހެދުން ބާލައި ރޭގަނޑު ބޭރަށް ދާން ލަނީ އައު ހެދުމެކެވެ. ސާފުތާހިރުކަމުގެ ގޮތުން ބަލައިފިނަމަ އެއީ ވަރަށް ރަނގަޅު ގޮތެކެވެ. ނަމަވެސް ކައިވެނީގެ ގުޅުމާއިމެދު އެގޮތަށް އަމަލުކޮށްގެން ނުވާނެއެވެ. ކޮންމެ ދުވަހަކު 2،3 ހެދުން ބަދަލުކުރާ އުޞޫލުން ކައިވެނިކުރުމެއް ނެތެވެ.  

ފިރިހެނުންނަށް ކޮންމެ ދުވަހަކުވެސް އައު ކައިވެންޏެއް ކުރެވިދާނެއެވެ. އަންހެނުންނަށް ކޮންމެ 3 މަހަކުން (ޢިއްދަހަމަވުމުން) ކައިވެންޏެއް ކުރެވިދާނެއެވެ. ވިސްނާލަންވީ އެކަން ލުއިފަސޭހަކޮށް ދެއްވަވާފައިވަނީ އެގޮތަށް ޢަމަލުކުރަން ނޫން ކަމެވެ. ކައިވެނިކޮށް ވަރިކުރަން ޖެހޭނީ ފިހާރައަކުން ރީތި ހެދުމެއް ފެންނައިރަށް ގަނެގެން ލައި އުޅޭ އުޞޫލުން ކަންކުރާކަށް ނޫނެވެ. އަދި ހެދުން ކިރިޔާ ބައުވެލާއިރަށް އެއްލައިލާ އުޞޫލުން ކަންކުރާކަށް ވެސް ނޫނެވެ. ކައިވެނީގެ ގުޅުމަކީ އެއަށްވުރެ މާމަތިވެރި ގުޅުމެކެވެ.  

އިސްލާމް ދީނުގައި ކައިވެނި ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހަމައެފަދައިން ވަރިކުރުމަކީ ވެސް އެހައި ފަސޭހަކަމެކެވެ. ކައިވެނިކުރުމާއި ވަރިކުރުމަކީ އެހައި ފަސޭހަ ކަމެއްގެ ގޮތުގައި ލައްވަވާފައިވަނީ 3 އިރު ހެދުން ބަދަލުކުރާ ފަދައިން އިނދެ ވަރިކުރާކަށް ނޫނެވެ. ފަސޭހައިން ކައިވެނިވެސް ވަރިވެސް ނުކުރެވޭނަމަ ކުރިމަތިވާނެ މައްސަލަތަކުން ސަލާމަތްވުމުގެ ފުރުޞަތު ދިނުމަށެވެ. އެއްވެސް ޙާލެއްގައި އެއް ދުވަހު ކައިވެނިކޮށްފައި އަނެއް ދުވަހު ވަރިކުރަން ހިތްވަރުދިނުމަކަށް ނޫނެވެ.

ކައިވެނިތައް އަހަރެމެން ރަޖިސްޓްރީ ކުރަނީ ކޯޓުތަކުގައެވެ. ނަމަވެސް ބިރުވެތިވާންވީ ކޮންމެ ކައިވެންޏެއް ކުރެވެނީ ﷲ ތަޢާލކާގެ ނަންފުޅު ބޭނުންކޮށްގެން ކަމެވެ. ކައިވެނީގެ އެންމެ ބޮޑު އިޤްރާރަކީވެސް ﷲ ތައާލާގެ ދީންމަތީގައި ސާބިތުވެ ތިބުން ކަމެވެ. ﷲ ތަޢާލާއަށް އުރެދުމެއް ހިމެނޭ އެއްވެސް ކަމެއް ދެމީހުން ކުރެ އެކަކުވެސް ނުކުރުމެވެ. ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި އަނބިމީހާ، ފިރިމީހާއަށް ކިޔަމަންތެރިވާން ނުޖެހެނީ އެހެންވެގެންނެވެ.  

ހިތާމައަކީ ﷲ ތައާލާގެ ނަންފުޅު ބޭނުންކޮށްގެން އަހަރެމެންވާ ވައުދުތައް މަތިން ދާދި އަވަހަށް ހަނދާންނެތިގެންދާ ކަމެވެ. ރީތި، އައު ހެދުން ފެނުމުން ހޯދައި އަމަލުކުރާ އުޞޫލުން ކައިވެންނާއިމެދު ޢަމަލުކުރެވޭ ކަމެވެ. މީސްތަކުންނޭވެ! ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާއަށް ބިރުޔވެތިވާށެވެ! ކައިވެނިތައް ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކުގައި ދިރިއުޅެވެން ނެތްނަމަ، ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައި ނޫނީ ކައިވެނި ރޫޅައި ނުލާށެވެ!

ދެމަފިރިންނަކީ ވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިން ކަމުގައި ވާނަމަ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުކުރެވެމުންނެވެ. ދެމަފިރިންނަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ ހަމަ އޮހެމުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން