ބައްޔަށް ބަލައި ދިރިހުރުމުގެ އުންމީދު ކަނޑައިނުލާށެވެ! ﷲ ގެ ޙަޟްރަތުން އުންމީދުކަނޑާނުލާ މީހުންނަށް ކިތަންމެ ބޮޑު ބައްޔަކުންވެސް ޝިފާ ދެއްވަވާކަން ތަޖުރިބާ ކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ބައްޔަށް ބަލައި ދިރިހުރުމުގެ އުންމީދު ކަނޑައިނުލާށެވެ! ﷲ ގެ ޙަޟްރަތުން އުންމީދުކަނޑާނުލާ މީހުންނަށް ކިތަންމެ ބޮޑު ބައްޔަކުންވެސް ޝިފާ ދެއްވަވާކަން ތަޖުރިބާ ކުރެވުނު އަންހެނެއްގެ ވާހަކަ-

މަރާމެދު އެއްވެސްކަމެއް ހަމައެކަކަށްވެސް ނޭނގޭނެ: 

މަރާއިމެދު އެއްވެސް ޙަޤީޤަތެއް އެއްވެސް މީހަކަށް ނުއެނގޭނެކަމަށް ބުނީމާ ބައެއް މީހުން ދެކޮޅުހަދައިފާނެއެވެ. އެއީ ބައެއް ފަހަރު ޑޮކްޓަރުން ބުނާ ގޮތަށް ކަންކަން ދިމާވާތީއެވެ. ނަމަވެސް ޑޮކްޓަރުން ބުނާ ގޮތަށް ކަންކަން ދިމާނުވާ ފަހަރުތަކުގެ ޢަދަދަށް ބެލުމުން މަރާއިމެދު އެއްވެސް ޙަޤީޤަތެއް ޑޮކްޓަރުންނަށްވެސް ނުއެނގޭކަން ޔަޤީންކުރެވޭނެއެވެ.

އަހުރެންގެ ލޯބިވެރިޔާއަށް ކެންސަރުޖެހިފައިވާކަން އެނގުނީ ކައިވެނިކުރަން ވަރަށް ގާތްވެފައި ވަނިކޮށެވެ. ޑޮކްޓަރުން ބުނީ އެއިރުވެސް ހުރީ 4 ވަނަ ސްޓޭޖްގައި ކަމަށާއި ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވެނީ ވަރަށް މަދު ދުވަސްކޮޅަކު ކަމަށެވެ. ފަރުވާކުރުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ.

ނަމަވެސް އަހުރެން އެމީހުންގެ ބަސް ޤަބޫލެއް ނުކުރަމެވެ. ލޯބިވެރިޔާއަށް ހިތްވަރުދީގެން ފަރުވާކުރަންފެށީމެވެ. ލޯބިވެރިޔާ އާއިއެކު އެޙާލުގައި 4 އަހަރު އަހުރެން ފެތީމެވެ. ކައިވެނިވެސް ކުރީމެވެ. 3 ދަރިންވެސް ލިބުނެވެ. ފިރިމީހާ އަހުރެމެންނާއި ވަކިވެގެންދިއައީ (ނިޔާވީ) ޢާންމު ދިރިއުޅުމެއް އުޅެމުން ކައިވެނީގެ 14 ވަނަ އެންވާޒަރީ ވެސް ފާހަގަކޮށްފައެވެ. މަރުވީވެސް ކެންސަރުބަލީގައެއް ނޫނެވެ. ކާރު އެކްސިޑެންޓެއްގައެވެ. އެއިރު ދެމީހުން ގުޅިގެން އުޅޭތާ 16 އަހަރެވެ. ކެންސަރުޖެހި 4 ވަނަސްޓޭޖްގައި ހުރުމުން ދާދި އަވަހަށް މަރުވާނެކަމަށް ބުނިތާ 15 އަހަރު ފަހެވެ. އަދި 15 އަހަރު ފަހުން މަރުވީވެސް ބަލީގަ ނޫންކަމަށް ބުނެފީމެވެ.

ދެން ނިކަން ބުނެބަލާށެވެ! މަދުދުވަސްކޮޅާއި ގިނަ ދުވަސްކޮޅަކީ ކޮބައި ހެއްޔެވެ؟  

އެހެން ޙާދިސާއެއްގެ ޥާހަކައެއްވެސް ކިޔައިދޭނަމެވެ. އަހުރެންގެ އެކުވެރިއެއްގެ ކޮއްކޮއަކަށް ކެންސަރުޖެހިގެން ދިއައީ ފަރުވާކުރަމުންނެވެ. 2 ވަނަ ސްޓޭޖްގައެވެ. ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.  

ކީމޯދޭންގެންދިއަ ދުވަހެކެވެ. ކީމޯ ދީފައި ހޮސްޕިޓަލުގައި 2 ދުވަސްވަންދެން ބޭއްވިއެވެ. ވަރަށް އުންމީދާއިއެކު ދެން އަންނަންވީ ދުވަސްވެސް ބުނެފައި ޑިސްޗާޖް ސަމަރީ ލިޔެ ނިންމުމުން އެއާއި ޙަވާލުވާން އެކުވެރިޔާ ނަރސް ސްޓޭޝަނަށް ގޮސްފައި އައިއިރު އޮތީ މަރުވެފައެވެ.  

ދެން ނިކަން ބުނެބަލާށެވެ! މިވީ ކިހިނަކުން ހެއްޔެވެ؟  

މީގެ މާނައަކީ ޑޮކްޓަރުންނަށް އެއްވެސް ކަމެއް ލަފާކުރަން ނުއެނގުމެއް ނޫނެވެ. ބުނަން ބޭނުންވަނީ ޑޮކްޓަރުންގެ ލަފާކުރުން ދިމާވާ ފަހަރުވެސް އަންނާނެއެވެ. އަދި މިބުނި މަގުން ދިމާނުވާ ފަހަރުތައްވެސް އަންނާނެއެވެ.  

ދެން މިބުނަނީ ބުނަން ބޭނުންވާ އަޞްލު މެސެޖެވެ. ކެންސަރު ޖެހުނަސް އެހެން ބޮޑު ބައްޔެއް ޖެހުނަސް އަދި އެއްވެސް ބައްޔެއް ނުޖެހުނަސް އަބަދުވެސް ތިބެންވީ މަރަށް ތައްޔާރުވެގެންނެވެ. އެއިރުން އެނިމުނީއެވެ. ކޮންމެހެން ވަކި ބައްޔެއް ޖެހުމަކީ، އެބަލި ވަކިސްޓޭޖެއްގައި ހުރުމަކީ އަވަސް އަވަހަށް ސަންދޯކާއި ވަޅުލާނެ ބިންގަންނަންވީ ސަބަބަކަށް ނުހަދާށެވެ! ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ!  

- ޖަމްގެ ޑައިރީން  

- މިއަދުނޫސް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން