ޙަޔާތުގައި ލިބޭނެ އެންމެ ރަނގަޅު 15 ރިޒްޤެއް!: ބިލާލް އައްސަދު

ކިޔުމަށް ހޭދަވާނީ 9މ 18ސ
ޙަޔާތުގައި ލިބޭނެ އެންމެ ރަނގަޅު 15 ރިޒްޤެއް!: ބިލާލް އައްސަދު

ސިއުޒާ

 

މި 15 ރިޒްޤު ޙާސިލްވެއްޖެނަމަ ނުވަތަ މީގެން ގިނަ ކަންތައްތައް ޙާސިލް ވެއްޖެނަމަ ތިބާއީ ވަރަށް އުފާވެރި މީހެކެވެ. 

1.    ތިބާގެ ނަފްސުގެ ސުލްހައާއި ހަމަޖެހުން.

2.    ތިބާގެ ހިތުގެ ޠާހިރުކަން.

3.    ތިބާގެ ސިކުޑީގެ ސާފުކަން.

4.    ހަށިގަނޑުގެ ދުޅަހެޔޮކަން.

5.    ނަފްސާނީ ދުޅަހެޔޮކަން. 

6.    އަޅާލާ ލޯބިވާ މައިންބަފައިން. ތިބާއަށްޓަކައި ދުޢާ ކުރާ މައިންބަފައިންނެވެ.

7.    ތިބާ ދެކެ ލޯބިވާ އަދި އަޅާލާ އެއްބަނޑު އެއްބަފާ ކުދިން

8.    ޞާލިޙު ލޯބިވާ ދަރިން، ތިބާއަށް ހިނިތުންވެލާނެ ދަރިފަސްކޮޅެކެވެ.

9.    ލޯބިވާ ބައިވެރިއެއް. ލޯބިވާ ފިރިއެއް ނުވަތަ ލޯބިވާ އަންބެކެވެ.

10.                   ތެދުވެރި ވަފާތެރި ރަހުމަތްތެރިއެއް.  

11.                   އީމާން، ތިބާގެ ރޫޙާނީ ދުޅަހެޔޮކަން.

12.                   ޢިލްމާއި ޙިކުމަތް

13.                   މާއްދީ މުއްސަނދިކަމާއި ފައިސާ

14.                   ތިބާއަށްޓަކައި މީހުން ކުރާ ޠަބީޢީ އިޙްތިރާމާއި ޤަބޫލުކުރުން.  

ﷲ ތިބާއަށް ދެއްވި ރަނގަޅު ޚުލްޤާއި ތިބާގެ ޝަޚުސިއްޔަތުގެ ސަބަބުން އެހެން މީހުން ތިބާއަށް އިޙްތިރާމް ކޮށް ތިބާ ބަލައިގަތުމެވެ. ނަމަވެސް ފާޅުގައާއި ސިއްރުގައިވެސް ތިބާގެ ޢަމަލުތައް ހަމަ އެއްގޮތެއްގައި ބެހެއްޓޭނަމަ އެއީ ރަނގަޅު ރިޒްޤުގެ އަލާމާތެކެވެ. މި ރިޒްޤު ލިބިފައިވާނަމަ ނުވަތަ މި ރިޒްޤުން ވަކި މިންވަރެއް ލިބިފައި ވާނަމަވެސް ދަންނާށެވެ. ﷲ ތިބާއަށް ބައްލަވާ ވޮޑިގެން ވެއެވެ. 

ސިނާރިއޯއެއް ހިއްސާ ކޮށްލާނަމެވެ. އެއަށްފަހު ތިބާ ދެކޭ ގޮތަކާއި މެދު ސުވާލު ކޮށްލާނަމެވެ. އުއްމަތުގެ ދަންނަ ބޭކަލުންގެ ފަރާތުން އިވިފައިވާ ވާހަކައެކެވެ. ދެ އަޚުންގެ ވާހަކައެކެވެ.

އެކަކަށް މި ކިޔަނީ ކަންނެތެވެ. އޭނާއަކީ ކަންނެތް ކަމުގައި އުޅެމުން އަންނަ މީހެކެވެ.  

އަރަބިބަހުން ބުނެއުޅެނީ "ތަވައްކުލް" އެވެ. މީގެ މާނައަކީ ﷲ ޢަށް ބަރޯސާ ވުމެވެ. މި ކުއްޖާއަކީވެސް އެއްވެސް ކަމެއް ނުކޮށް އަބަދު އެހެން މީހުންނަށްބަރޯސާވެގެން އުޅޭ ކުއްޖެކެވެ.  

ދެވަނަ ކުއްޖާ މީގެ އިދިކޮޅެވެ. އެއީ ހީވާޤި އަދި ﷲ އަށް ބަރޯސާވާ ކުއްޖެކެވެ.

އެހެންކަމުން އެކުދިންގެ މެދުގައި ދެބަސްވުމެއް އުފެދުނެވެ. ހީވާޤި ކުއްޖާ އޭނާގެ އަޚާއަށް ބުންޏެވެ. " އޮތްތަނުން ތެދުވެ މަސައްކަތެއް ކުރާށެވެ. ތިބާއަށް ތިބާގެ ރިޒްޤް އެކަމަށް މަސައްކަތް ނުކުރާހާ ހިނދަކު ނުލިބޭނެއެވެ. " 

ފުރަތަމަ ކުއްޖާ، ކަންނެތް ކުއްޖާ ބުންޏެވެ. ނޫނެކޭ، ﷲ އަހަރެންނަށްޓަކާ ލިޔުއްވާފައިވާ އެއްޗެއް އަހަރެންނަށް މިތާ މި ގޮނޑީގައި އިށިއިނދެގެން އިންދައިވެސް ލިބޭނެއެވެ. އެހެންކަމުން ރިޒްޤު ލިބޭނީ މަސައްކަތް ކުރުމުން ކަމަށް ޤަބޫލު ކުރާ ކުއްޖާ ބޭރަށް ގޮސް ރިޒްޤު ހޯދަން މަސައްކަތް ފެށިއެވެ.  

އޭނާ ދިޔަ މަގުމަތީގައި މީހެއްގެ ގެއެއްގެ ނުވަތަ ދަނޑެއްގައި މަގުމައްޗަށް ވާގޮތަށް ހުރި، ގަހުގެ ގޮފިތަކުގައި ފުރެންދެން އާފަލު އަޅާފައިވާ ގަހެއް ފެނުނެވެ. ދަންނާނެ ފަދައިން އިސްލާމްދީނުގައި އާންމުންނަށް އަތް ފޯރާނެހެން މަގުމަތީގައި ހުންނަ ތަކެތިން ވެއްޓޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ނެގޭނެއެވެ. އެއީ އާންމުންގެ އެއްޗެކެވެ.  

އެތާގައި ވެރިފަ ހުރި އާފަލުވެސް ހުއްޓެވެ. އަދި ކޮންމެވެސް ވަރަކަށް ގަހުގެ އޮފިގަނޑުގައިވެސް ހުއްޓެވެ. އޭނާ އެ ނަގާ ބާސްކެޓަށް އެޅިއެވެ. އަދި 50 ހަކަށް އާފަލު ގެއަށް ގެނައެވެ. ގެއަށް ގޮސް އޭނާގެ އަޙު ފެނުމާއެކު ކައިރިއަށް ގޮސް ބުންޏެވެ. " މިހިރީއެވެ. އާފަލެއް ނަގާށެވެ." އޭނާ އޭނާގެ އަޙާ އާފަލު ކާ ތަން ބަލަން ހުރުމަށްފަހު ދިޔައެވެ. އަދި ބުންޏެވެ. " ބުނީމެއްނު، މަސައްކަތެއް ނުކޮށް އާފަލެއް ނުލިބޭނެއެވެ. އަހަރެން ބޭރަށް ގޮސް ހޯދީމެވެ. އެހެންވެ އަހަރެންނަށް އާފަލު ލިބުނީއެވެ." އޭނާގެ އަޚު ހިނިތުންވެލާފައި ބުންޏެވެ. " އަހަރެން މިއިނީ މިތާގައެވެ. އަދި އާފަލު އެއައީ އަހަރެންގެ ގާތަށެވެ."

މިހާރު ސުވާލަކީ މިތަނުން ރަނގަޅީ ކާކުތޯއެވެ؟ އަދީ ގޯހީ ކާކުތޯއެވެ؟  

ރިޒްޤު ހޯދުމަށްޓަކާ މަސައްކަތް ކުރަންޖެހޭނެއޭ ބުނި އަޚުތޯ ނުވަތަ އެއްވެސް މަސައްކަތެއް ނުކޮށް އިނގިއްޔެއްވެސް ހަލުވާ ނުލައި އިންދާ ރިޒްޤު އޭނާގެ ގާތަށް އައި އަޚުތޯ؟ ކާކުތޯ ރަނގަޅި އަދި ކާކުތޯ ގޯހީ؟ 

ކަންނެތް ކުއްޖާތޯ ގޯހީ؟ އެކަމަކު އޭނާއަށް އާފަލު ލިބުނެވެ. އެހެންވެއްޖެނަމަ އޭނާ ގޯހެއް ނުވާނެއެވެ. އަދި ކުރިންވެސް ފާހަގަ ކޮށްލިހެން ﷲ ތިބާގެ ރިޒްޤު ވަނީ ލިޔުއްވާފައެވެ. އެހެންނޫންތޯ؟ އެހެންވެއްޖެނަމަ ތިބާއަށް ޔަޤީނުންވެސް އެ އެއްޗެއް ލިބޭނެއެވެ. އަދި ހަޤީގަތަކީވެސް އެއީއެވެ. ތިބާގެ ރިޒްޤު ތިބާއަށް ލިބޭނެއެވެ. އަދި ތިބާ ފަހަތުން އެ ދާނެއެވެ. އަދި އެ ނުލިބޭހާ ހިނދު ތިބާ މަރު ނުވާނެއެވެ. އެއީ ޤުރުއާނުން އެނގެން ހުރި ހަޤީގަތެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިޔުއްވާފައިވާ ރިޒްޤު ނުލިބޭހާ ހިނދު އެމީހަކު މަރުނުވާނެއެވެ.

އެހެންކަމުން އޭނާވެސް އެބުނީ ރަނގަޅަށެވެ. ހަމަ އެއާއެކު ދެން ހުރި އަޚުވެސް ރަނގަޅެވެ. އެ ދެމީހުންވެސް އެބުނީ ކޮންމެވެސް ވަރަކަށް ރަނގަޅަށެވެ. އެ ދެބައި ގުޅުވާލުމަށް ފަހު ސުވާލަށް ޖަވާބު ދެމާ ހިނގާށެވެ. ދަންނާނެ ފަދައިން ތިބާއަށް ﷲ ދެ ވައްތަރެއްގެ ރިޒްޤު ދެއްވައެވެ. މަސައްކަތަކާއި ނުލާ ލިބޭ ރިޒްޤް އަދި މަސައްކަތް ކޮށްގެން ލިބޭ ރިޒްޤެވެ. ގާތްގަނޑަކަށް %70 ރިޒްޤު އެކަމަށް މަސައްކަތް ކުރުމުން ދެއްވާނެއެވެ. އަދި %20 ނޫނީ %30 އަކީ މަސައްކަތަކާއި ނުލާ ދެއްވާ ރިޒްޤެވެ. ރިޒްޤުގެ އަދަދުވެސް ތަފާތުވާނެއެވެ. އެކަން އިޙްތިޔާރު ކުރުން ވަނީ ﷲ ގެ ހަޒްރަތުންނެވެ.  

އުއްމަތުގެ ދަންނަ ބޭކަލުން މި ދެ އަޚުންނާއި ބޭހޭގޮތުން ވިދާޅުވީ ކީކޭތޯ؟ އެބޭފުޅުން ވިދާޅުވަނީ އެ ދެމީހުންވެސް ރަނގަޅެވެ. އެހެނަސް އެންމެ ތަފާތެއް ވެއެވެ. ރިޒްޤު ހޯދަން މަސައްކަތް ކުރަން ދިޔަ އަޙަށް ﷲ ގެ ހަޒްރަތުން ޢަޖުރު ލިބިގެންވެއެވެ. އަދި އެއްކަމެއްވެސް ނުކޮށް އިން އަޚަށް އާފަލު ފިޔަވާ އެއްވެސް އެއްޗެއް ﷲ ގެ ހަޒްރަތުން ނުލިބެއެވެ. އަދި ޞާލިޙު އަޅާއަށް އާފަލުވެސް އަދި ﷲ ގެ ހަޒްރަތުން ޤިޔާމަތް ދުވަހުގައި ޢަޖުރުވެސް ލިބެއެވެ. އޭނާއަށް ސުވަރުގެއިން މާ ގިނަ އާފަލު ލިބޭނެއެވެ. މިއީ ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ މާނައެވެ. " ދޭ މީހާ ލިބިގަންނަ މީހާއަށް ވުރެ ހެޔޮކަން ބޮޑެވެ." އަދި " ހިތްވަރު ދޭމީހާ އެހީއަށް އަބަދު އެދޭ މީހާއަށްވުރެ ހެޔޮކަން ބޮޑެވެ." 

ﷲ ސުބޫހާނަހޫ ވަތަޢާލާ އެއްކަމެވެސް ނުކޮށް އިން މީހާއަށް އާފަލު ދެއްވިއެވެ. އޭނާ އެގޮތުގައި ދެމިހުންނަ ނަމަ އެކަން އެގޮތަށް ކިހާ އަވަސް އަވަހަކަށް ވާނެތޯ؟ އޭނާގެ އަޙާ އަށްވުރެ މާ ބޮޑަށްވެސް މަދުން ލިބޭނެކަން ހަމަ ޔަޤީނެވެ. އެހެނީ މި ޙަޔާތުގެ ކަންކަން ﷲ ރާއްވަވާފައި  ތަރުތީބު ކުރައްވާފައި ވާގޮތުން ރިޒްޤުގެ ބޮޑު ބައި ހާސިލް ވާނީ އެމީހަކު ކުރި މަސައްކަތަކުންނެވެ. ކީއްވެގެންތޯ؟ ސަބަބަކީ ﷲ އެދިލައްވަނީ ރިޒްޤު ހޯދުމަށް މަސައްކަތް ކުރުމަށެވެ. އެހެނީ ﷲ ތިބާ އުފެއްދެވީ އެކަމަށްޓަކައެވެ. އެކަލާންގެ ތިބާ އުފެއްދެވީ މަސައްކަތް ކުރުމަށެވެ. އަދި އެގޮތުގެ މަތިން ތިބާއަށް އަޖުރު ދެއްވުމަށެވެ. ޙަޔާތުގެ މަޤްޞަދަކީވެސް އެއީއެވެ. ރަނގަޅު ކަންކަން ކޮށްގެން އަޖުރު ހޯދުމެވެ. އެހެން މީހުންނަށް އެހީވުމެވެ. އެންމެން ހަމަ އެއްކަމެއްވެސް ނުކޮށް ރީތިކޮށް ތިބޭނަމަ ކޮބައިތޯ މަޤްޞަދަކީ ޙަޔާތުގެ؟

އެހެންކަމުން އެކަލާންގެ ތިބާގެ ރިޒްޤު ކަނޑައަޅުއްވަނީ މިކަންކަމުގެ މައްޗަށެވެ:

1.    އެކަލާންގެ ދެއްވުމަށް ކަނޑައަޅުއްވާ އެއްޗެއް، އެ ބަދަލެއް ނުވާނެއެވެ.

2.    ކޮންމެވެސް ވަރަކަށް ތިބާ އެކަމަށް ކުރާ މަސައްކަތާއި އެދޭ މިންވަރުގެ މައްޗަށެވެ.

މި ނޫން ގޮތުންވެސް ތިބާގެ ރިޒްޤު ތިބާއަށް ލިބޭނެއެވެ. ބައެއް ކަންކަމަކީ ތިބާ ހަމަ ރީތިކޮށް އިންދައި ހާސިލްވާ ކަންކަމެވެ.  

މިސާލަކަށް، މީހަކު އޭނާގެ މައިންބަފައިން މަރުވުމުން އެމީހުންގެ ގިނަ އަދަދެއްގެ މުދާ އޭނާއަށް ލިބުމެވެ. އޭނާ އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާ މަސައްކަތެއް ކުރީ އެމީހުންނެވެ. އެކަމަކު ވާރުތައިގެ ގޮތުގައި ލިބުނީ އޭނާއަށެވެ. އެއީވެސް ﷲގެ ހަޒްރަތުން އަންނަ ރިޒްޤެވެ. އަލްޙަމްދުލިއްލާހް. 

މީހަކު މަހަށް ދިޔައީއެވެ. އެނބުރި އަންނަ އިރު ތިބާއަށް މަސް ބޭނިފަވެސް ހުރެދާނެއެވެ، އަދި ނުބޭނިވެސް ހިނގައިދާނެއެވެ. އެހެންނޫންތޯ؟ އެއީ ވެސް ﷲ ގެ ހަޒްރަތުން ދެއްވާ ރިޒްޤެވެ. ތިބާއަށް ރާޅުގެ ބޮޑުކަމާއި، ވަޤުތާއި، މިނޫންވެސް މިފަދަ މަޢުލޫމާތުތައް އެކިއެކި އާލާތްތައް ބޭނުން ކޮށްގެން ހޯދިދާނެއެވެ. އެހެނަސް އާޚިރުގައި ނާތީޖާ ލިބުން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒްރަތުންނެވެ. ﷲ އެއްވެސް ފަރާތެއް ބާކީއެއް ނުކުރައްވައެވެ.

އަޚުންނާއި އުޅުތުންނޭ! ރިޒްޤު ލިބުން ވަނީ ހަމައެކަނި ﷲ ގެ ހަޒްރަތުންނެވެ. ދުނިޔެމަތީގައި ވާ ކޮންމެ އުފެއްދެވުމަކަށްވެސް ދެއްވަވާ ފަރާތަކީ އެއީއެވެ. އެންމެ ކުޑަކުޑަ ސޫފިން ފަށައިގެން އެންމެ މޮޅު އިންސާނާއާއި ހަމައަށެވެ. ތިބާއަށްޓަކައި ﷲ ލިޔުއްވާފައިވާ އެއްޗެއް އެހެން މީހަކަށް ނުގެންދެވޭނެއެވެ. އަދި އެކަލާންގެ އިރާދަ ނުކުރައްވާ އެއްޗެއް އެއްވެސް މީހަކަށް ތިބާއަކަށް ނުވެސް ދެވޭނެއެވެ.

މި ހުރިހާ ކަމެއް އެނގުމުން ތިބާގެ ހިތަށް ހަމަޖެހުން ލިގިގެން ދާނެއެވެ. އަދި ހަމަ މިއާއި އެކު ﷲ އަންގަވާފައި ވަނީ ހަލާލު ގޮތުގައި ރިޒްޤު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. އެއްވެސް ކަމެއް ނުކޮށް އިންދައި ތަނަވަސްކަން ތިބާގެ އަތްމަށްޗަށް ވެއްޓޭނެކަމަށް އުއްމީދު ކުރުމަކީ އިސްލާމުންގެ ގޮތެއް ނޫނެވެ. 

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމަވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. ވިޔަފާރި ކުރައްވާ އާމްދަނީ ހޯދުމަށް ގަދައަޅާ މަސެއްކަތް ކުރެއްވިއެވެ. ކުރާ މަސައްކަތުގައި ތެދުވެރި ވުމާއި އަމާނާތްތެރި ވުމަކީ އަޅުކަމުގެ ތެރެއިން ވާ ކަމެކެވެ. ތިބާއަށް ﷲ ގެ މައްޗަށް އޮތް އިތުބާރާއި ތިބާގެ މަސައްކަތާއި ގުޅުވާލުމުން ތިބާގެ ޙަޔާތުން ބަރަކާތް ފެނިގެންދާނެއެވެ. ބައެއްފަހަރު ތިބާ ހީވެސް ނުކުރާ ގޮތްގޮތަށް ރިޒްޤު ލިބިގެން ދެއެވެ.  

އާ ފުރުސަތެކެވެ، އެހީތެރިވާނެ ފަރާތެކެވެ، ނޫނީ ތިބާ އަތުގައިވާ އެއްޗެއްގައި ބަރަކާތް ލައްވަވާފާނެއެވެ. މިއީ ﷲ ގެ ރަޙްމަތެވެ. އަދި މިކަން އަންނާނީ ތިބާ އެކަލާންގެއަށް ކުއްތަންވެ ދުޢާކުރުމުންނެވެ.

އެހެންކަމުން އަބަދުވެސް ތިބާގެ މަސައްކަތް ކުރެވެން އޮތް އެންމެ ފުރިހަމައަކަށް ކުރުމަށް ހިތްވަރު ކުރާށެވެ. އަދި ދެއްވަވާ ފަރާތަކީ ﷲ ކަން ހަނދާން ނައްތާ ނުލާށެވެ. އަބަދުވެސް ތިބާގެ ހިތް އެކަލާންގެއާއި ގުޅުވާލާށެވެ. އަދި ހަރާމް ގޮތުގައި ހޯދާ އާމްދަނީއިން ދުރުހެލިވާށެވެ. އަދި އެކަލާންގެ ހަޒްރަތުން ރިޒްޤު ދެއްވުން އެދި ދެންނެވުމުގައި ސާބިތުވާށެވެ. މިގޮތުގައި ތިބާ ދެމި ހުރެއްޖެނަމަ ﷲ މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިބާއަށްޓަކައި ދޮރުތައް ހުޅުއްވައި ދެއްވާނެއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން