ސަރުކާރުން މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ: ނިމާލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސަރުކާރުން މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ: ނިމާލް

ސަރުކާރުން ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބިން ދޫކުރުމުގައި ކައުންސިލްތަކުން ފަސްޖެހޭ ކަމުގެ ކަންބޮޑުވުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ފާޅުކުރައްވައިފިއެވެ. ނިމާލް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ނިމާލް ވިދާޅުވީ ސަރުކާރުން ރަށެއްގައި ނުވަތަ ސިޓީއެއްގައި މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ބައެއް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމަށާއި، މިފަދަ ޝަކުވާތައް އެލްޖީއޭއަށް ވެސް ލިބެމުންދާ ކަމަށެވެ. އަދި ބިން ދޫނުކުރުމުގެ ސަބަބުން ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް މަޑުޖެހެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތް ދޭން ތިބޭ ބައެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ މަންފާއަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް މަގުފަހިކޮށްދޭންޖެހޭ ފަށަލައެއް ކަމަށެވެ. "ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން ކައުންސިލްތަކަކީ ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު އެކަމަށް މަގުފަހިކޮށްދޭ ފަށަލައެއް. އެ އެއްބާރުލުން ކޮންމެ ކައުންސިލަކުންވެސް ދޭންވާނެ. އެކަމަކު ބައެއްފަހަރު ބިން ދިނުމުގައި ކައުންސިލްތަކުން ފަސްޖެހޭ،" ނިމާލް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ. މެންބަރު ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.

މީގެ އިތުރުން، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާޢަތުތައް މިހާރަށްވުރެ ހަރުދަނާކުރުމަކީ ވެސް މި އިސްލާހުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުމެއް ކަމަށް މެންބަރު ޢަބްދުލްޙަންނާނު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ސަރުކާރުގެ މަޝްރޫޢުތަކަށް ބިން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން