މައިންބަފައިން ކިތަންމެ ގޯސްކޮށް ކަންކަން ކުރިނަމަވެސް އޮތީ އެމީހުންނަށް އެހީތެރިވުމެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ދަރިން ކުޑައިރު ނިކަމެތިކޮށް އުކައިލީމާ ތިމާ ނިކަމެތިވެ ޙާލުގައި ޖެހޭދުވަހު އެހީތެރިނުވާނެ ކުދިންވެސް ތިބޭނެކަން ޤަބޫލުކުރަންވާނެއެވެ.
އެގޮތަށް އެކަން ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކުދިންނަށް އެހީތެރިކަން ބޭނުންވި ދުވަހު އެހީތެރި ނުވުމެވެ. އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްއްޔަތުކުރަންވީ ދުވަހު އެކަން ނުކޮށް ދަރިން އުކައިލެވޭކަމެވެ. އެކުދިންނާއިމެދު ޢަމަލުކުރި ގޮތުން އެކުދިންގެ ހިތް ހިލަވެ އެހެން މީހުންނަށް ރަޙުމްކުރަން ދަސްނުވެ ބޮޑެތިވާކަމެވެ.
މިޙަޤީޤަތް އެންމެންވެސް ޤަބޫލުކުރާށެވެ. ފުރަތަމަ ކަމަކީ ކުޑަކުދިންގެ ގޮތުގައި ތިބިއިރު އަޅާލައި އެހީތެރިވުމެވެ. އީމާންތެރިކަމާއި ރިވެތި އަޚްލާޤް ދަރިންނަށް ދަސްކޮށްދިނުމެވެ. ތިމާމެންވެސް ދުނިޔޭގައި ތިބިނަމަ މުސްކުޅިވެ ގައިބާރުދެރަވާދުވަހު ދަރިންގެ އެހީތެރިކަމަށް އެދި ސަލާންޖަހަން ނުޖެހޭނީ އެއިރުންނެވެ.
އަޅުގަނޑު މިދައްކަނީ ބޭރު ޤައުމެއްގެ ވާހަކައެއް ނޫނެވެ. މިދިވެހިރާއްޖޭގެ ވާހަކައެވެ. ރާއްޖޭގައި ގިނައީ އެކަނިވެރި މައިންނެވެ. އެކަނިވެރި ބައްޕައިންގެ ޢަދަދު ވަރަށް މަދެވެ. އެކަމުން އެނގެނީ ކައިވެނި ރޫޅުމުން ކުދިން ބަލަންޖެހެނީ މަންމައަށް ކަމެވެ.
ދެންވެސް ވިސްނައިލާށެވެ! ވަރިކުރުމަށްފަހު ދަރިންނަށް އެހީތެރިވަނީ މަދު ބައްޕައެކެވެ. އެހީތެރިވާ މަދު ބައްޕައިންގެ ތެރެއިންވެސް ދަރިފުޅު ތަރުބިއްޔަތުކުރަން މަސައްކަތްކުރަނީ މާމަދު ބައެކެވެ.
އެހެނަސް ދަރިން ބޮޑެތިވެ އަމިއްލަ ފައިމަތީގައި އުޅެން ފެށީމާ އެހީތެރިކަމަށް އެދިގެންދެއެވެ. ގިނަ ދަރިން ކޮންމެވެސް މިންވަރަކަށް އެހީތެރިވެސް ވެއެވެ. އަދި ފުގަސްދޭ ދަރިންވެސް ތިބެއެވެ. ފުރަގަސްދީފިނަމަ ދަރިފުޅު ދެކެ ރުޅިވެސް އައުދެއެވެ.
އަޅުގަނޑު ބޭނުންވަނީ އެހީތެރިނުވަން ހިތްވަރުދޭކަށް ނޫނެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ އެހީތެރިނުވިޔަސް ރުޅި ނުއަންނާށެވެ! ދަރިފުޅަށް ބަދުދުޢާ ނުކުރާށެވެ! އެޙާލަތުގައިވެސް ފުރަތަމަ ކަމަކަށް ތިމާގެ ކުށް ޤަބޫލުކުރާށެވެ. ދަރިންނަށްޓަކައި ހެޔޮދުޢާކުރާށެވެ! އެކަމުން ފައިދާކުރުމަކީ ވަރަށް ގާތްކަމެކެވެ.
އަޅުގަނޑުގެ ވިސްނުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ސަބަބެއް އޮވެގެންނެވެ. އަޅުގަނޑަކީ 3 ދަރިންނާއިއެކު އެކަނިވެރިވާންޖެހުނު މައަކީމެވެ. ދޮށީދަރިފުޅުގެ ޢުމުރަކީ އެއިރު 7 އަހަރެވެ. ވަރިކުރުމަށްފަހު ދަރިން ތިބިކަން ބައްޕައަށް އެނގުނީ ދަރިން ބޮޑެތިވެ ވަޒިފާއަދާކުރަން ފެށިފަހުންނެވެ. މިހާރު ކޮންމެ މަހަކު ޗަންދާނަގަން ގެއަށް އައުދެއެވެ. 2 ކުދިން އެހީތެރިވެއެވެ. އެއް ދަރިފުޅު އެހީތެރިއެއް ނުވެއެވެ. އެހެންވެ ދަނީ އެދަރިފުޅަށް ބަދުދުޢާކުރަމުންނެވެ. އަޅުގަނޑުގެ އާދޭހަކީ އެއްވެސް ބައްޕައަކު އަދި މަންމައަކުވެސް މިގޮތަށް ކަންތައް ނުކުރުމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް