ޒަވާޖީ ޙަޔާތް އެންމެ އުފަލުގަ ހޭދަކުރަން ބޭނުންނަމަ ނިކަން މިކަންކަން ކޮށްބަލަ! ވަރީގެ ވާހަކަ ދައްކަން ނުވެސް ޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޒަވާޖީ ޙަޔާތް އެންމެ އުފަލުގަ ހޭދަކުރަން ބޭނުންނަމަ ނިކަން މިކަންކަން ކޮށްބަލަ! ވަރީގެ ވާހަކަ ދައްކަން ނުވެސް ޖެހޭނެ! އިން ޝާ ﷲ

އަހުރެމެންގެ ފުރާނައިގެ ކާނާއަކީ ސާފުވައިކަމަށް ބުނެއުޅެއެވެ. އެއީ ސާފުވައި ނުލިބޭނަމަ ފުރާނައަށް ނުރައްކާވާނެތީއެވެ. ހަމަ އެގޮތަށް ޒަވާޖީ ޙަޔާތް އުފާވެރިކޮށް ބާއްޖަވެރިކުރަންވެސް ކޮންމެހެން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަން ފުރިހަމަ ނުކުރެވޭނަމަ އުޅެންޖެހޭނީ މައްސަލަތަކުން ސަލާމަތްނުވެވިގެންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނީގެ މައްސަލަތައް ޙައްލުކުރުމަކީ ފޮތެއް ކިޔާލައިގެން ނުވަތަ ފިލްމެއް ބަލާލައިގެން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ތަފާތުމިޒާޖެއްގެ މީހެކެވެ. އަދި އެކި މީހުންނަށް ކުރިމަތިވާނީ އެކި މައްސަލަތަކެވެ.  

ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ ތިމާމެންނަކީ އެންމެ ކާމިޔާބު ދެމަފިރިންކަމުގައިވާށެވެ! ނަމަވެސް ސުވާލަކީ ފުރަތަމަ ކަމަކަށްވެސް އެންމެ ކާމިޔާބު ދެމަފިރިންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެނގޭތޯ ބަލައިލަމާ ހިނގާށެވެ!  

އެންމެ ކާމިޔާބު ދެމަފިރިންނަކީ އެއްވެސް ހާލެއްގައި އެއީ އެންމެ މުއްސަނދި، އެންމެ ބޮޑު ގޭގައި ދިރިއުޅޭ، އެންމެ އަގުބޮޑު ކާރު ދުއްވާ ދެމަފިރިންނެއް ނޫނެވެ. އެންމެ ކާމިޔާބު ދެމަފިރިންނަކީ ކައިވެންޏަށްފަހު އޮޅިގެން ނަމަވެސް ވަރިކުރުމާ ވަރިވުމުގެ ވާހަކަ ވެސް ނުދައްކައި ހަޔާތް ނިންމައިލާ ދެމަފިރުންނެވެ.  

ޙަޔާތުގައި އަބަދުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ޞުލްޙަވެރިކަމާއެކު ހައްލު ކުރަން މަސައްކަތްކުރާށެވެ! ދިރިއުޅުމާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ! 

ޢާއިލާތެރޭގައިވެސް އަދި ޢާއިލާއިން ބޭރުގައިވެސް ކުރިމަތިވާ ކޮންމެ ކަމަކާއި ގުޅިގެން "ހަނގުރާމަ"އެއް ކުރަން ނުވިސްނާށެވެ! އެގޮތަށް ވިސްނާނަމަ ތިބާއަށް ﷲ ތައާލާ މިންވަރު ކުރައްވަވާފައިވާ ސިކުނޑީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބުއްދީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟  

ބައެއް މީހުންނަށް ހީވަނީ އެންމެ މޮޅު މީހަކީ ކޮންމެ ކަމަކާއިވެސް ހަނގުރާމަކޮށްގެން ގަދަވާ މީހާ ކަމަށެވެ. ވީމާ އަނބިމީހާ އާއި ނަމަވެސް ފިރިމީހާ އާއި ނަމަވެސް ނުވަތަ އެހެން މީހަކާއި ނަމަވެސް އެއްވެސް މައްސަލައެއް މެދުވެރިވެއްޖެ ނަމަ ފުރަތަމަވެސް ނަގަނީ "ހަތިޔާރެވެ." ދައްކަނީ ބިރެވެ!  

އަނބިމީހާނަމަ ވަރިކުރާނެ ކަމަށް އެބަ ބުނެއެވެ. ދަރިންނަށް ނަމަ އަޅައި ނުލާނެ ކަމަށް އެބަ ބުނެއެވެ. މައިންބަފައިންނަށް ނަމަ އެހީތެރިނުވާނެ ކަމަށް އެބަ ބުނެއެވެ. މިފަދަ ބަސްތައް ބުނަން ބިރުވެތިވާށެވެ! އެހެނީ އެމީހަކު އަދާކުރަން ޖެހޭ ވާޖިބެއް އަދާ ނުކުރާނެ ކަމަށް ބުނުމަކީވެސް ކުށެކެވެ. ކޮންމެ ކުށަކީވެސް ފާފައެކެވެ.

ބައިވެރިޔާ އެކަންޏެއް ނޫނެވެ. މައިންބަފައިން ނަމަވެސް އަދި ކޮންމެ މީހަކުނަމަވެސް ބާރުގެ ބޭނުންކޮށްގެން ކޮންމެ ކަމެއް ޙައްލުކުރަން މަސައްކަތްކުރާނަމަ އެމީހަކު ދެކެ އެންމެން ފޫހިވާންފަށާނެއެވެ! އެފޫހިކަން ރުޅި އާއި ނަފްރަތަށް ބަދަލުވާނެއެވެ! އެއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ހިތްދަތި ހާލަތެވެ!  

ތިމާ އަޅައިލަން ޖެހޭ މީހަކަށް އަޅައިނުލީމާ ވާނީ ކިހިނެއްޔެވެ؟ ލޯބި ދޭން ޖެހޭ މީހަކަށް ލޯބި ނުދިނީމާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ކަމެއް ނިމިގެންދާނީ އެމީހަކު އެންމެ ހިތް ނުއެދޭގޮތަށް ނޫން ހެއްޔެވެ؟ ވީމާ މައްސަލަތަކުގެ ޙައްލަކީ ޞުލްޙައެވެ. ޞުލްޙަ ލިބޭނީ ވިސްނުންތެރިކަމާއިއެކު ކުރިމަތިލައި މަޝްވަރާކޮށްގެންނެވެ. ބުއްދި ދެއްވަވާފައި މިވަނީ އެކަން ކުރުމަށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދިހުރެގެން ވިސްނުންތެރިކަމާއިއެކު މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށް ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށްދެއްވަވާނެއެވެ!  

ބުނަން ހެއްޔެވެ؟ ރުޅި އަންނަ ކޮންމެ ފަހަރަކު ވަރި ބަސް ބުނާ މީހަކު 10 ކީއްކުރަން؟ 1000 ކައިވެނި ކުރިނަމަވެސް އެކުގައި ދިރިއުޅޭނެ އަންތބަކު ނުލިބޭނެއެވެ. އަދި އަބަދު ވަރިއަށް އެދޭ އަންތބަކަށްވެސް އެކުގައި އުޅޭނެ ފިރިއަކު ނުލިބޭނެއެވެ. އަބަދުވެސް ޖެހޭނީ ހަމަ ވަރިކުރާށެވެ! ވަރިވާށެވެ! ވީމާ ވަރި ބަހަކީ ހަތިޔާރުތައް ގުދަނުގައި ރައްކައުތެރިކުރާ ފަދައިން ރައްކައުތެރިކޮށްފައި ބާއްވާ އެއްޗަކަށް ހަދާށެވެ! ސިފައިންގެ އަތުގައި ހަތިޔާރު ހުރި ނަމަވެސް ދެން އެހެން ގޮތެއް ނެތުމުން ނޫނީ ހަތިޔާރުގެ ބޭނުމެއް ނުކުރޭ ނޫން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން