ކައިވެނި ރޫޅުމުން އަނެކާ ދެރަކުރުވުމުގެ ގޮތުން ދެމީހުންނަށް ލިބިފައި ތިބި ދަރިންނާއި ދުރުކުރުވާ މައްސަލައިގައި ދެފަރާތުންވެސް ޝަކުވާ ކުރެއެވެ. ވީމާ ކަންއޮތްގޮތާއިމެދު ރަނގަޅަށް ވިސްނައިލަމާ ހެއްޔެވެ؟
"މައިންނާ ދަރިން ވަކިކުރުވާ މީހުން، އެންމެ ލޯބިވާ މީހާ އާއި ޤިޔާމަތް ދުވަހު ﷲ ދުރުކުރައްވަވާނެތެވެ!" (ޙަދިޘް/ ތިރުމިޛީ)
މި ހަދީޘްފުޅު ބަޔާންކޮށްދެއްވަމުން ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވީ ޙަދީޘްފުޅުގެ މާނައަކީ އެމީހަކު ދުނިޔޭގައި އެންމެ ލޯބިވި މައިމީހާ، އަނބިމީހާ ފަދަ މީހާ އާއި އެމީހަކާއި ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދުރުކުރައްވަވާނެ ކަމެވެ.
ތަޤްވާވެރި މައިންގެ އަތުން ދަރިން އަތުލައި ދުރުކުރުވުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ނަމަވެސް މައިމީހާގެ ކިބައިގައި ތަޤްވާވެރިކަން ނެތުމުން، ދަރިފުޅު މަގުފުރެދިގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރެވިއްޖެ ޙާލަތުގައި ދީނީ ޢިލްމުވެރިންގެ ލަފާ ހޯދައިގެން ޢަމަލުކުރުމަކީ ތަފާތުކަމެކެވެ.
ގިނަ ފަހަރު މައިމީހާގެ އަތުން ދަރިން އަތުލަނީ ވަރިކުރުމަށްފަހު އޭނާ ދެރަކޮށްލުމުގެ ގޮތުންނެވެ. އޭނާއަށް އެކަމުން އަޅާނެ ވޭން ބޮޑުވާނެތީ އަނިޔާކުރުމުގެ ގޮތުންނެވެ. އެފަދަ ވިސްނުމުގައި ކަންތައްތައް ކުރާ މީހުންވެސް މި ޙަދީޘްފުޅަށް ބިރުވެތިވުން ހުއްޓެވެ!
ހަމައެއާއެކު ދަރިން ބައްޕައިންނާއި ދުރުކުރުވާ މައިންވެސް މިކަމަށް ވިސްނަންވާނެއެވެ. މިފަދަ ޙަދީޘްފުޅުތަކަށް ވިސްނާށެވެ! ކުރެވެނީ އެއްކަމެކެވެ. ޙުކުމަކަށް ބަދަލެއް ނުއަންނާނެއެވެ.
- މިއަދުނޫސް