އަހުރެން ގަދައަޑުން ބުނާނަމެވެ! ދުނިޔެއިން އެންމެ ލިބުން ދަތި، އެންމެ މަދުބާވަތުގެ އަނބިންނަކީ އެކަނބަލުންގެ ކިބައިގައި ތަނަވަސްކަން ހުރެވެސް ފިރިމީހާއަށް އިޙްތިރާމްކޮށް ޤަދަރުކުރާ އަނބިންނެވެ. މިދައްކަނީ ހަމައެކަނި މައްސަނދި އަންހެނުންގެ ވާހަކައެއް ނޫނެވެ. އަމިއްލަ މަސައްކަތުން ނުވަތަ ވަޒީފާ އަދާކޮށްގެން ނަމަވެސް އާމްދަނީ ހޯދާ އަންހެނުންވެސް ހިމެނޭނެ ގޮތަށެވެ.
މިބުނި ބާވަތުގެ ހެޔޮލަފާ އަނބިންގެ ގާތުގައި މީހަކު ކަމެއް ކުރިނަމަވެސް އެކަންކުރާނީ ފިރިމީހާގެ ލަފާ ހޯދައިގެންނެވެ. އާންމުކޮށް ގޮސް ނުއުޅޭ ތަނަކަށް ދާންޖެހުނަސް ދާނީވެސް ފިރިމީހާގެ ލަފާ ހޯދައިގެންނެވެ. އެކަނބަލުންގެ ކިބައިގަ ފުދުންތެރިކަން ހުރީތީ އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރު އޮތްނަމަވެސް އެއިޚްތިޔާރުގެ ބޭނުމެއް ނުހިފާނެއެވެ.
ރަނގަޅަށް ބަލާށެވެ! މިބާވަތުގެ އަނބިން ވަރަށް މަދުވާނެއެވެ. އެފަދަ އަންތަބަކު ލިބިއްޖެނަމަ އޭނާގެ އަގުވަޒަންކުރާށެވެ. އޭނާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. އަދި އަނބިމީހާ ތިމާއަށް އެކުރާ ޤަދަރު ތިމާވެސް އަނބިމީހާއަށް ކުރަންވާނެއެވެ. ގުޅުން ރަނގަޅު ގޮތުގައި ދެމިއޮންނާނީ އެއިރުންނެވެ.
ވިސްނަންޖެހޭނެ ކަމަކީ މިބުނި ފަދަ އަނބިންނަކީ މާލީ ގޮތުން ފިރިމީހާޢަށް ބަރޯސާވާންޖެހޭ ބައަކަށްނުވެފައި ބޭނުން ގޮތަކަށް އުޅުމުގެ އިޚްތިޔާރު އެކަނބަލުންނަށް އޮތްއިރުވެސް އަނބިންގެ ޙަޤީޤީ މަޤާމުގައި އެކަނބަލުން އެތިބެނީ އެކަނބަލުންގެ ރަނގަޅުކަމުން ކަމެވެ. އެކަކު ރަނގަޅުވެގެން ރަނގަޅު ދިރިއުޅުމެއް ނުފެންނާނެކަމާއި ފައިދާކުރާނީ ދެމީހުންވެސް ރަނގަޅުވެގެން ކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް