ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތުއަކީ ޤައުމުގެ މުސްތަޤުބަލަށް ބޭނުންވާ ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޑް ރެޕްރެންޒޭޓިޓިވް އަދުދާން ޗީމާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ޤައުމީ ފެންވަރުގެ ނިންމުންތަކުގައި ބައިވެރިވުމުގެ ހުނަރު ތަރައްގީ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ޕްރެކްޓިސްފޯ ޔޫތު ޕާލިމެންޓުގެ 6 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތަށްފަހު، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
މި މަހުގެ 1 އިން 8 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް ކަންކަމާއި ކުރިމަތިލުމާއި، ވާހަކަ ދެއްކުމުގެ ހުނަރު ފަދަ ބޭނުންތެރި އެތައް ހުނަރެއް ލިބިފައިވާކަން ޗީމާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މުޖުތަމައުގައި ބޭނުން ހިފޭފަދަ އުކުޅުތަކާއި، ކްރިޓިކަލް ތިންކިންއާއި ޤައުމިއްޔަތާއި، ސިޔާސަތުތަކާއި ގުޅުން ހުރި މައުލޫމާތުތައް އެއްކުރުމާއި، އެކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގައި ބަލަންވީ ކަންކަން ބައިވެރިންނަށް މިހާރު އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި، ޤާނޫނުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ދިރާސާ ކުރުމުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތް ހިނގާގޮތް ތަޖުރިބާކުރަން ލިބިފައިވެއެވެ. މިއީ ޤައުމުގެ ކަންކަމާއި މެދު ވިސްނުމަށާއި، ސިޔާސަތުތައް ބައްޓަން ކުރުމުގައި ޒުވާނުން ބައިވެރިވުމަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި ޔޫއެންޑީޕީގެ މަންދޫބު ސިފަކުރެއްވިއެވެ.
އަދުދާން ޗީމާ އިތުރަށް ވިދާޅުވީ، "މަޖިލީހުގައި ވެސް މެމްބަރުން ދައްކާނެ ވާހަކަތައް މެމްބަރުންވެސް މި ޕްރޮގްރާމުގައި ދައްކަނީ. މެމްބަރެއްގެ ފައިވާނަށް ބައިވެރިންނަށް މި އެރެނީ. މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް." ކަމަށެވެ. މި ޕްރޮގްރާމަކީ ޒުވާނުން ސިޔާސީ މައިދާނަށް އަހުލުވެރިކުރުވުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.