ޤުރްއާނަށް ޚާއްޞަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކުރުމަކީ އަމާޒެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޤުރްއާނަށް ޚާއްޞަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކުރުމަކީ އަމާޒެއް: ވަޒީރު

ޤުރްއާނަށް ޚާއްޞަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަރުކަޒީ އިދާރާ އެތަނުގެ ބަޔަކަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޤުރްއާނަށް ޚާއްޞަ ވަޤްފު އިމާރާތުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައެވެ. މި ބިމުގެ ބޮޑުމިނުގައި 70,000 އަކަފޫޓު ހުންނަ އިރު، އޭގެ ތެރެއިން 10,000 އަކަފޫޓު މި ވަޤްފު އިމާރާތަށް ޚާއްސަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި މަޝްރޫޢަކީ 2025 ވަނަ އަހަރުގެ ތެރޭގައި ރައީސް އިޢުލާން ކުރައްވާފައިވާ މުހިންމު މަޝްރޫޢެކެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ "ދާރުއްނޫރު" ގެ ނަމުން ނަންދެވިފައިވާ މި ވަޤްފު ބިލްޑިންގުގެ ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މިއީ މާލޭގައި 15 ފަންގިފިލާއަށް ބިނާކުރާ އިމާރާތެކެވެ. މި އިމާރާތުގެ ތެރެއިން 3 ފަންގިފިލާ ޚާއްޞަ ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކަށެވެ.

މި ބަދަލާއެކު ވުޒާރާގެ މަރުކަޒީ އިދާރާ އައު އިމާރާތަށް ބަދަލުކޮށް، މިހާރު ވުޒާރާ ހިންގަމުންދާ އިސްލާމީ މަރުކަޒު އެތަނުގެ އަސްލު މަޤްޞަދަށް ރުޖޫޢަ ކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ހަގީގީ މާނައިގައި އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަ ކުރެވިގެންދާނެއެވެ.

އިސްލާމީ މަރުކަޒު އަސްލު ހާލަތަށް ބަދަލުކުރުމަށްފަހު، އެތަނުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން އިސްލާމް ދީނާ ބެހޭ މަޢުލޫމާތު އެކި ޢުމުރުފުރާތަކަށް ލިބޭނެ ގޮތް ހަދައި، ސްކޫލްތަކުގެ ދަރިވަރުންނަށް ޒިޔާރަތް ކުރެވޭނެ ފަދަ ތަޢުލީމީ އަދި ދީނީ މަރުކަޒަކަށް އެތަން ހެދުމަކީ ވުޒާރާގެ ތަޞައްވުރެކެވެ.

މިއަދު އޮންލައިން