ވިލިމާލެ ހޮސްޕިޓަލް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އާރްޑީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވިލިމާލެ ހޮސްޕިޓަލް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އާރްޑީސީން ފަށައިފި

ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ވިލިމާލޭގައި އަޅާ އައު ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތެކެވެ.

ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށް އެތަން މަރާމާތު ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ވަގުތީ ބަދަލާއެކު، ހޮސްޕިޓަލުގެ ޚިދުމަތްތައް ދިނުމަށް އެކަށީގެންވާ ގޮތަށް އަމާން ހިޔާގެ އިމާރާތް ފަރުމާކޮށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ސަރުކާރުން ނިންމާފައިވަނީ ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި، އެތަނުގައި 100 އެނދުގެ ޒަމާނީ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.

މިހާރު މި މަޝްރޫޢުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ފަށާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ވިލިމާލޭގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. މި ހޮސްޕިޓަލަކީ ވިލިމާލޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބިނާކުރާ ތަނެކެވެ.

އަލަށް ބިނާކުރާ ހޮސްޕިޓަލުގައި ޚިދުމަތްތައް ފުޅާކުރެވިގެންދާއިރު، އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، އަދި ޑައިގްނޯސްޓިކް ޚިދުމަތްތައް ހިމެނޭނެއެވެ. މީގެ އިތުރުން، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް މި ހޮސްޕިޓަލުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން