ރާއްޖޭގެ ވެރިކަމަށް ބޭނުންވެގެން މިއުޅޭ އެންމެ ބޮޑު ކަމަކީ 3 ބާރު ހެއްޔެވެ؟ 3 ބާރު ވަކިވުން ހެއްޔެވެ؟ އެ 3 ބާރުގެ ތެރޭގައި އެންމެ ބޮޑުބާރު ހިމެނޭ ހެއްޔެވެ؟ އެބާރުގެ ވާހަކަ ދައްކަން ލަދުގަނެ ފަސް ޖެހެނީ ކީއްވެގެން ހެއްޔެވެ؟
ޤައުމު ދާންޖެހޭ މިސްރާބަކީވެސް ދިވެހިރައްޔިތުން ދާންޖެހޭ މިޞްރާބަކީވެސް ތިއަކިޔާ 3 ބާރެއް ނޫނެވެ. ﷲ ތަޢާލާ އެންގެވި ގޮތެވެ. 3 ބާރު ވަކިކޮށް ވަރުގަދަކުރުމުގެ ނަމުގައި މީސްތަކުން ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދުގެ މިސްރާބު އޮޅުވާލުމަށްވުރެ ބޮޑު ކުށަކީ ކޮބައިހެއްޔެވެ؟
ވެރިކަން ލިބުމުން އެންމެ އިސްމަޤާމުތަކުގައި ތިބެ ދިވެހި ރައްޔިތުން އިސްލާމް ދީނާއި ދުރަށް ޖައްސުވަމުން ގެންދިއަ މީހުން މިހާރު ދައްކަނީ 3 ބާރުގެ ވާހަކައެވެ. އެބުނާ 3 ބާރަށްވުރެ މާ ގަދަފަދަ ބާރެއްވާކަން އެމީހުންނަކަށް އަދިވެސް ނުވިސްނެއެވެ. އެއީ އެންމެ ގަދަފަދަ ބާރަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތްކަން އެމީހުންނަށް އަދިވެސް ޤަބޫލުނުކުރެވޭތީއެވެ.
3 ބާރުގެ ވާހަކަ އެކިގޮތްގޮތަށް އަނބުރަނީ ސިޔާސީ ބޭނުންތަކަށެވެ. ރައްޔިތުންނަށް ކަންކަން އޮޅުވައިލުމަށެވެ. މިއީ އެނގި ޔަޤީންވާ ކަމެކެވެ.
ރާއްޖެ ގެންދަން ޖެހޭ މިޞްރާބަކީ އިސްލާމްދީނުގެ މިސްރާބެވެ. އެމިސްރާބަށް ކަންކަން ކުރިއަށް ގެންދަން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރެވުނު ދުވަސްވަރެއް ފަހުގެ ތާރީޚުން ފެންނާކަށް ނެތެވެ. ޒުވާން ޖީލު ބިނާކުރުމުގެ މަސައްކަތުގެ އިތުރަށް ދީނީ ކަންކަމަށް ފައިސާ ހޯދޭނެ މަގުތައް ފަހިކުރަން މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރަންޖެހެއެވެ. ބިނާކުރަމުން ގެންދާ ވަޤުފު ބިނާތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.
އެކަންކަން ރައްޔިތުން ބަލައިގަނެއެވެ. ބަލައިނުގަނެވިގެން އުޅެނީ ރާއްޖެއިން އިސްލާމް ދީން ނެތިކޮށްލަން މަސައްކަތްކުރި އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށެވެ. އެމީހުންނަކީ ދީނުގެ ޢަދާވާތްތެރިނަ ކަމުގައިވާތީއެވެ.
ޤައުމުގެ ކަންކަން ފެންނަމުން މިދަނީ އެންމެ ރަނގަޅު މިޞްރާބުގައެވެ. ޤައުމުގެ މިޞްރާބު ވެޓިކަނަށް އަމާޒުކުރަން މަސައްކަތްކުރި މީހުންނަށް އެކަމަށް ފުރުޞަތު ނުދެއްވެވުމަކީ ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު އެދުމެވެ. ދުޢާއެވެ!