ނ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކެނދިކުޅުދޫ، މާޅެންދޫ އަދި ކުޑަފަރީގައި ތަރައްގީކުރި ކުޑަކުދިންގެ ފާކުތައް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކުތަކަކީ ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހުޅުވުނު ޕާކުތަކެކެވެ.
މި ޕާކުތައް ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކުތައް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިންއެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށް އަދި ދެވަނަ ބެޗްގައި 32 ރަށް ހިމެނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. ނ. އަތޮޅުގެ މި ތިން ރަށުގައި ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މި ޕާކުތަކާއެކު އެ ރަށްރަށުގެ ކުޑަކުދިންނަށް ކުޅިވަރު ކުޅެލައި، ހިތްހަމަޖައްސާލުމަށް ރައްކާތެރި މާޙައުލެއް ލިބިގެންދާނެއެވެ.