ﷲ ގެ ޙަޟްރަތުގަ އެންމެމާތް މީހަކަށްވެ އެންމެ މަތީ ދަރަޖަ ހޯދައި ސުވަރުގެ ވަންނަން ކުރަންޖެހެނީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ﷲ ގެ ޙަޟްރަތުގަ އެންމެމާތް މީހަކަށްވެ އެންމެ މަތީ

ދަރަޖަ ހޯދައި ސުވަރުގެ ވަންނަން ކުރަންޖެހެނީ ކޮންމެ މީހަކަށްވެސް ވަރަށް
ފަސޭހައިން ކުރެވެން އޮތް ކަމެއް!

ސުވަރުގެ ޙާޞިލުކުރެވޭނެ މީހުންގެ ޢަދަދާއި

ނަރަކައަށް ވަންނާނެ މީހުންގެ ޢަދަދު ﷲ ތަޢާލާ ދެނެވޮޑިގެންވުމާއިއެކުވެސް ކޮންމެ މީހަކަށްވެސް ސުވަރުގޭގައި މަޤާމެއް ލައްވަވާފައިވަނީ ވަރަށް މަތިވެރި ސަބަބަކަށެވެ. އެހެންވެ ބައެއް ޢިލްމްވެރިން ވިދާޅުވަނީ އެއީ ސުވަރުގެ ވަނުމަށް ކޮންމެ މީހަކަށްވެސް ދަޢުވަތުދެއްވަވާފަކަން އެނގޭ ކަމެއް ކަމަށެވެ. އެދަޢުވަތު ޤަބޫލުކުރާ އެންމެންވެސް ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެ މާތް މީހަކަށްވުމަކީ ވަރަށް ބޮޑުކަމެއް ކަމަށެވެ. އެކަން ޙާޞިލްކުރެވޭނީ ހަމައެކަނި ބޮޑެތި ޢިލްމްވެރިންނަށް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ތެދުވެރި އިޚްލާޞްތެރި ކޮންމެ މުސްލިމަކަށްވެސް އެދަރަޖަ ޙާޞިލުކުރެވެން އެބައޮތެވެ.

 ދުނިޔެމަތީގައި މަތީ ދަރަޖައަކަށްދާން

ބޭނުންވެއްޖެނަމަ އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހެއެވެ. އެންމެ ކުޑަމިނުން ވަޒީފާގެ ކުރިއެރުމެއް ބޭނުންވިނަމަވެސްމެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް މީހަކަށްވުމަށް ކުރަންޖެހެނީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

އެންމެ ފުރަތަމަ ބަލައިލަންވީ ކުށް ކުރެވުމަށެވެ. ކުށްކުރުން ފެށިފައިވަނީ އާދަމްގެފާނުގެ ދަރިފަސްކޮޅަކުން ނޫނެވެ! އެންމެހައި އިންސާނުންގެ ބަފައިކަލުން އާދަމްގެފާނާއި ހަމައިންނެވެ. ވީމާ އެއްވެސް މީހަކީ ކުށް ނުވަތަ ފާފަކުރުމުން ސަލާމަތްވެގެންވާ މީހެއް ނޫނެވެ. ފާފަކުރުމުން ސަލާމަތްވެގެންވާ ހަމައެއްވެސް އިންސާނަކު ނުހުންނާނެ ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

އެންމެ ބޮޑެތި ޢިލްމުވެރިން ފެށިގެން އެންމެ އާދައިގެ ފެންވަރުގެ މީހުންނާއި ހަމައަށްވެސް ކުށް ކުރެވޭނެއެވެ. ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނަށްވެސް ކުށް ކުރެއްވެވުނެވެ. އަހަރެމެންނަށް ކުރެވޭ ފާފައިގެ ނިޞްބަތުން ބަލައިފިނަމަ އެބޭކަލުންނަށް ކުރެއްވެވުނީ ވަރަށް ކުދިކުދި ފާފަތައް ކަމުގައި ވެދާނެއެވެ. އެހެނީ އެބޭކަލުންނަކީ ﷲ ތަޢާލާ އެންމެ މަތިވެރި ކުރެއްވެވި އިންސާނުންނެވެ. 

މައްސަލައަކީ ބައެއް މީހުންނަށް އެމީހުންނަކީ އެއްވެސް ކުށެއް ނުވަތަ ފާފައެއް ނުކުރެވޭ މީހުންކަމުގައި ޤަބޫލުކުރެވޭ ކަމެވެ. ﷲ ތަޢާލާ ގަންދީ ބުނަމެވެ. ފާފައެއް ނުކުރެވޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ.

ދެން ބަލައިލަންވީ ސުވަރުގެ ވައްދަވާނީ ކޮން ބައެއްތޯއެވެ؟ ސުވަރުގެ ވައްދަވާނީ މީސްތަކުންގެ ތެރެއިން އެންމެ މާތް މީހުންނެވެ. އެންމެ ހެޔޮލަފާ މީހުންނެވެ. ސުވަރުގެ އެދިގެން ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާ މީހުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ މީހުންނެވެ.

މީސްތަކުންގެ ތެރެއިން އެންމެ މާތް މީހުންނަކީ އެމީހުންނަށް ފާފަކުރެވޭކަން ޤަބޫލުކޮށް ގިނަގިނައިން ތައުބާވާ މީހުންނެވެ. އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާ މީހުންނެވެ. އަދި އެއްވެސް ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކޮށް އެމީހުންގެ އަމިއްލަ ނަފްސްތަކާއި ދެކޮޅަށް ޖިހާދުކުރާ މީހުންނެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިންނަވާ މީހުންނަކީވެސް އެއީއެވެ.

ވީމާ އެންމެ މާތް މީހުންގެ ތެރޭގައި ވުމަށް ގަދައަޅައި އަވަހަށް މަސައްކަތް ފަށާށެވެ! ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި މެދުކެނޑުމެއް ނެތި ދުޢާކުރަމުން ގެންދާށެވެ! އެކަމުގައި ރަސޫލް (ﷺ) ވަނީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން