ތިމާގެ ކުށް ޤަބޫލުނުކޮށް ހަމައެކަނި ބައިވެރިޔާގެ ކުށް ފާހަގަކުރާ މީހަކަށް ހަމަޖަހިގެން އުފަލުގަ ދިރިއުޅެވުމަކީ ޙާޞިލުކުރެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިމާގެ ކުށް ޤަބޫލުނުކޮށް ހަމައެކަނި ބައިވެރިޔާގެ
ކުށް ފާހަގަކުރާ މީހަކަށް ހަމަޖަހިގެން އުފަލުގަ ދިރިއުޅެވުމަކީ ޙާޞިލުކުރެވޭނެ
ކަމެއް ނޫން!

ބުއްދިވެރިއަކު ބުނެފައިވެއެވެ. "އުފަލުގަ ޒަވާޖީޙަޔާތް ހޭދަކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތްކަމަކީ ތިމާއަށް ކުރެވޭ ޢަމަލުތަކާ ޢަމަލުކުރެވޭ ގޮތް ދެނެގަތުމެވެ. ތިމާ އިޞްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކުރަން އަވަސްވެގަތުމަކީ އެންމެ ފައިދާހުރި ގޮތެވެ. އަނެކާއާއިމެދު ވިސްނަންވާނީ ތިމާ އިޞްލާޙްވެގެންހުރެއެވެ."  

އެންމެ ފުރަތަމަ ސުވާލަކީ ތިމާއަކީ އެއްވެސް ކުށެއް ނެތް ހުރިހާ ކަމެއް ފުރިހަމަ މީހެއް ކަމަށް ބުނީ ކާކު ހެއްޔެވެ؟ އެއީ ތިމާ އަމިއްލަ އަށް ނިންމި ނިންމުމެއް ނޫންހެއްޔެވެ؟ ތިމާގެ މައްޗަށް ތިމާ އަމިއްލައަށް ޙުކުމް ކުރެވޭ ހެއްޔެވެ؟ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތަށް ނިކަން ކަންކަންކޮށްބަލާށެވެ! 

 

ކޮންމެ ކަމެއް މެދުވެރިވާއިރަށް އެހެން މީހުން ކުށްވެރި ކުރެވޭގޮތް މެދުވެރި އެވަނީ އެމީހާގެ މައްޗަށް ޝައިޠާނާ ބާރުފޯރުވާފައިވާތީއެވެ. ކޮންމެ ކަމެއް މެދުވެރިވާއިރަށް އެންމެ ފުރަތަމަ ކަމަކަށް އެހެން މީހުން ކުށްވެރި ކުރުމަކީ ސަލާމަތުން ތިބޭ އިންސާނުންގެ ކިބައިގައި ހުރެގެންވާނެވެސް ސިފައެއް ނޫނެވެ.

 

އަނބިމީހާކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސް އަދި އެހެން މީހަކު ކަމުގައިވީނަމަވެސް ތިމާއަކީ އެއްވެސް ކުށެއް ނެތް އެންމެ ފުރިހަމަ މިހާ ކަމަށް ޤަބޫލުކުރެވޭހައި ދުވަހަކު ޢާއިލީ މައްސަލަތައް ވެސް އަދި އެހެން މައްސަލައެއްވެސް ޙައްލެއް ނުކުރެވޭނެވެ.

އިންސާނުން ކަމަށްވީތީ ތިމާގެ ކިބައިގައިވެސް އުނި ސިފަތަކެއް ހުންނާނެ ކަމަށް ޤަބޫލުކުރުމަކީ މަޖުބޫރުކަމެކެވެ. ވީމާ ކަމެއް މެދުވެރިވެއްޖެ ނަމަ ފުރަތަމަވެސް ވިސްނައިލަން ޖެހޭނީ އެކަން މެދުވެރިވުމަށް ތިމާއަށް ކުށެއް ކުރެވުނުތޯއެވެ؟ އެއީ ކޮންކަމެއްތޯއެވެ؟ އެއަސްފަހު ތިމާގެ ކިބައިން ފާހަގަކުރެވުނު އުނިކަންތައް އަވަހަށް އިޞްލާޙްކުރާށެވެ! އެހެން މީހުންގެ ކުށްތައް އިޞްލާހް ކުރުމުގެ ވާހަކަ ދައްކަންވެސް ޖެހޭނީ ތިމާ އިޞްލާޙްވުމަށްފަހުގައެވެ.

މި ނޫން ސިސްޓަމަކަށް އަމަލުކުރާ މީހަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ޢާއިލީ ލޯތްބެއްވެސް އެހެން މީހުންގެ ލޯތްބެއްވެސް ނުލިބޭނެއެވެ. ބަދަލުގައި ލިބެމުންދާނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. ވީމާ ޢާއިލީ ކަންކަން ނަމަވެސް އިބްލާހްކޮށް އުފާވެރިކަމާއި ތަނަވަސްކަން އެދޭމީހާ ފުރަތަމަވެސް ތިމާ އިޞްލާޙްވާށެވެ! އެއްވެސް ކުށެއް ތިމާގެ ކިބައިގައި ނެތް ކަމަށް ޤަބޫލުކުރުމަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފައެކެވެ. އެ ސިފަތައް ހުންނަ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން