ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިވި ފިރިއަކަށް އަނބިމިީހާދިން ވަރުގަދަ ފިލާވަޅެއްގެ ވާހަކަ- ވިސްނައިފި މީހަކަށް އެތައް ބައިވަރު ފިލާވަޅުތަކެއް ހިމެނޭ ޙާދިސާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިވި ފިރިއަކަށް އަނބިމިީހާދިން ވަރުގަދަ ފިލާވަޅެއްގެ ވާހަކަ- ވިސްނައިފި މީހަކަށް އެތައް ބައިވަރު ފިލާވަޅުތަކެއް ހިމެނޭ ޙާދިސާއެއް!

ދެމަފިރިން އެކުގައި ގޯތިތެރޭގަ ތިއްބައި އަންހެނަކު އައިސް އަނބިމީހާއަށް ބުންޏެވެ! "ތިބާގެ ފިރިމީހާއަކީ ތިބާއަށް މަކަރުހަދާ މީހެކެވެ. އުޅެނީ އަހުރެންނާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. އިންނަ ފްލެޓުގެ ކުއްޔާއި ބިލްތައް ދައްކަނީވެސް ޚަރަދުކުރާނެ ފައިސާ ދެނީވެސް ތިބާގެ ފިރިމީހާއެވެ." 

އަނބިމީހާ ބުންޏެވެ! "ތިބާއަކީ ނަޞީބުވެރިއެކެވެ. ތިއަވާހަކަ ދައްކަން އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބުނަންހެއްޔެވެ؟ އަހުރެންގެ ފރިމީހާ ތިބާގެގާތަށްދަނީ އަހުރެންގެ ކިބައިން އެއްވެސް ކަމެއް ނުފުދިގެނެއް ނޫނެވެ. އެއްވެސް އަންހެނަކަށް އޭނާގެ ހިތްފުރައިނުދެވޭނެތީއެވެ. އަހުރެން ވަރިކޮށް ތިބާއާއި ގުޅުނަސް ތިބާއަކަށްވެސް އެކަންކޮށެއް ނުދެވޭނެއެވެ. ވީމާ އެނބުރި ގޮސް ހަމަޖެހިލައިގެން އިންނާށެވެ!"

އަންހެން މީހާއަށް ޖެހުނީ ވަރަށް ލަދުންހުރެ ދާށެވެ! އޭނާ އައި ބޭނުން ޙާޞިލުނުކުރެވުނީތޯީއެވެ. އަނބިމީހާގެ ދެރަކޮށްލައި ރުޅިގަދަ ނުކުރެވުނީތީއެވެ. އޭނާ ދިއުމުން ފިރިމީހާގެ ގާތުގައި ބުނީ ގަސްތަކަށް ރަނގަޅަށް ފެންދީފައި އަވަހަށް ގެއަށް ކާން ވަނުމަށެވެ.  

ފިރިމީހާ އުފަލުން ވަރެއް ނެތެވެ. އަނބިމީހާ ރުޅިނައީތީއެވެ. ރުޅިނައިތަނުގަ ކަންބޮޑުވެސް ނުވީތީއެވެ. އެހެންވެ އަނބިމިހާ ބުނިފަދައިން ކަންކަން ކޮށްފައި ގެއަށް ވަންއިރު ހުރީ ކާން ހަދައިފައެވެ. ކައިނިމުމުން އަނބިމީހާ ބުންޏެވެ. "ކާން މިދިނީ ދެމީހުންނަށް ކައްކާފައި ހުރި އެއްޗެތި ބާކީކޮށް އުކައިނުލަންވެގެންނެވެ. އަހުރެންގެ ފައިސާ ހިފައިގެންގޮސް ހިލޭ އަންހެނުންނަށް ޚަރަދުކޮށް، އެމީހުންނާ ގުޅުން ހިންގައި ނަޖިސް ބަލިތައް ހިފައިގެން އައިސް އަހުރެންނަށް ޖައްސުވާ މީހަކަށް މިގެއަކު އެއްވެސް ފުރުޞަތެއް ނެތެވެ. އަތުގައި ހުރި ކާޑުތައް ބަހައްޓާފައި ގެއާއި ކާރުގެ ތަޅުދަނޑިވެސް ބާއްވާފައި އަވަހަށް ނުކުމެގެންދާށެވެ! ކާޑުތައް މިހާރުވެސް ހުންނާނީ ބްލޮކްކޮށްފައެވެ. އަހުރެންނަށް ކޯޓަށް ހިނގަން ނުޖައްސުވައި ވަރިކޮށްލައިދިނިއްޔާ ވަރަށް ރަނގަޅެވެ. މައްޗަށް އަރާނެ ކަމެއްވެސް ނެތެވެ. ގެންދަންލިބޭނެ އެއްޗެތި ފޮށީގައި އެހުރީއެވެ. ފޮށިގެންދާށެވެ. ނުގެންދިއަނަމަ ފަޤީރުންނަށް ހެދުންތައް ބަހައިލާނީއެވެ." ފިރިމީހާއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ތަނަވަސް އަނބިމީހާ ދޫކޮށްލާފައި ޖެހުނީ އަނބިމީހާ ބުނިފަދައިން ނުކުމެގެންދާށެވެ.  

ނުކުމެގެން ލޯބިވެރިޔާގެ ގާތަށްގޮސް ކަންތައްވީ ގޮތް ކިޔައިދިނުމުން ބުނީ އަހުރެންނަށް ޚަރަދުނުކުރެވޭނެނަމަ ގައިގަ ނުބީހުމަށެވެ. ކާން ލިބޭނީ އެއްޗެތި ގެންނަނަމަ ކަމަށާ ފްލެޓުގައި ހުރެވޭނީ ކުލިދައްކާނަމަ ކަމަށެވެ. އެއިން އެއްވެސް ކަމެއް ކުރެވެން ނެތުމުން ޖެހުނީ އެކުވެރިއެއްގެ އެހީތެރިކަން ހޯދައިގެން އޭނާގެ ގޭގައި ދަރަންޏަށް ހުންނާށެވެ!

ހެޔޮލަފާ އަނބިންނަށް ޚިޔާނާތްތެރިވާނަމަ މިފަދަ ގޮތްތައް މެދުވެރިވާނެއެވެ. ކަމެއް ދިމާވިޔަސް ހުޝިޔާރި އަންހެނުން ކަންބޮޑުވިކަމެއް ނުދައްކާނެއެވެ. އަޅަންޖެހޭ ފިޔަވަޅު އަޅާނީއެވެ. ވީމާ އޭނާގެ އަނބިމީހާއަކީ އެންމެ ހުޝިޔާރު އަންހެނެކެވެ.

 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން