ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް އަނެކާގެ ހިތް ކަތިލެވިގެންދާފަދަ ބަސް ބުނުމަކީ ހިތްމަރައިލެވޭ ކަމެއް! ކުރާ އަސަރު ފިލުވައިލުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް އަނެކާގެ ހިތް ކަތިލެވިގެންދާފަދަ ބަސް ބުނުމަކީ ހިތްމަރައިލެވޭ ކަމެއް! ކުރާ އަސަރު ފިލުވައިލުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނޫން!

އެއްވެސް ބަހެއް ކުފުރުގެ ބަހާއި އެއްވަރުކުރަނީއެއް ނޫނެވެ. އެހެންކަމާއިއެކުގައިވެސް ބުނަމެވެ. ދުލުން ބުނާ ކޮންމެ ބަހަކަށްވެސް ފަރުވާތެރިވާންޖެހޭނެއެވެ. ދުލުން ބުނެވޭ ނުބައި ބަސްތަކުގެ އަސަރު ދިރިއުޅުމަށް ކުރެއެވެ. އެސްފީނާއަށް ބަދަލުވެ ދެރަގޮތްތައް މެދުވެރިވެއެވެ. ހިތުގައި ޖެހި އަނެކާގެ މަތިން ފޫހިވެގެންދެއެވެ.  

ތަޤްވާވެރިކަން ގުޅިފައިވަނީ ހިތާއެވެ. ހަމައެފަދައިން ދިރިއުޅުންވެސްމެއެވެ. އެހެންކަމާއިއެކުވެސް އުފާވެރި ދިރިއުޅުމަކަށްޓަކައި ދުލަކީ އެންމެ މުހިންމު އެއް ގުނަވަނެވެ. ސަބަބަކީ ދުލުން ބުނާ ބަސްތަކުގެ ސަބަބުން ހިތް ފޮތިފޮތިވެގެންދާ ކަމެވެ. ބައެއް ފަހަރު އޮޕަރޭޝަންކޮށް އެކުގައި ފެހިނަމަވެސް އަނބުރައި ފޮތިތައް ނުގުޅުވޭނެ މިންވަރަށްވެސް ފޮތިފޮތިވެގެންދެއެވެ. 

ތިރީގައިވާ ޙާދިސާއަކީ ވަނަށް ހަނިދޭތެރެއަކުން ހަމަކިރިޔަކިރިޔާ ކާމިޔާބު ކުރެވުނު އޮޕަރޭޝަނެއްގެ ވާހަކައެވެ.  

އެއީ ވަރަށް ލޯބިވެގެން އުޅުނު ދެމީހުންނެވެ. ކައިވެނިކޮށް އުފަލުގައި އުމުރަށް ދިރިއުޅެން ބޭނުންވާކަމުގެ ވައުދުތަކާއި އެކުގައި ދިރިއުޅެމުން އައި ދެމީހުންނެވެ. އެއްދުވަހަކު ދިމާވިކަމަކާއި ގުޅިގެން އައިރުޅީގައި ފިރިހެންމީހާއަށް ބުނެވުނެވެ. "ކަލެއާއިއެކު އުޅުމަކީ އަހަރެންނަށް ލިބޭ އަނިޔާއަކަށްވެއްޖެއެވެ."  

އެހިސާބުން އަންހެން ކުއްޖާ އޭނާ އާއި ވަކިވިއެވެ. ފިރިހެން ކުއްޖާވެސް އޭނާއާއި ގުޅުން ކަނޑާލިއެވެ. 2 މަސްދުވަސްވަންދެން އެއްވެސް ގުޅުމެއް ނެތި ތިބުމަށްފަހު ދެމީހުން ބައްދަލުވެގެން ކޮފީއަކަށް އިށީނެވެ.  

ފިރިހެން ކުއްޖާގެ ސުވާލަކީ ކަލޭ ތިއަހުންނަނީ އުފަލުންހެއްޔެވެ؟ އަހަރެންނާއި ނުލައި އުފާވެރިކަން ލިބޭހެއްޔެވެ؟ އެހެން މީހަކު ހޯދައިފިން ހެއްޔެވެ؟ "ނިކަން ބުނެބަލާށެވެ! އަހަރެންދެކެ ލޯތްބެއް ނުވޭ ހެއްޔެވެ؟ އަހަރެންނާއި ނުލައި އުފަލުގައި އުޅެވިދާނެ ހެއްޔެވެ؟"  

އަންހެންކުއްޖާގެ ލޮލުން ކަރުނަބާލަމުން ކުރީވެސް ހަމަ އެސުވާލުތަކެވެ. ސުވާލުތަކަށްފަހު ފިރިހެން ކުއްޖާ ބުނީ އަންހެންކުއްޖާ އޭނާއާއި ވަކިވީ ކަމަށެވެ. އަންހެނެންކުއްޖާ ބުނީ 2 މަސްވީއިރުވެސް ފޯނުވެސް ނުކުރަމެއް ނޫން ހެއްޔެވެ؟

އަންހެން ކުއްޖާ ބުނީ އެގޮތަށް ކަންތައްކުރަން ޖެހުނީ "އަހަރެންނާއިއެކު އުޅުމަކީ ލިބޭ އަނިޔާއަކަށްވެއްޖެ" ކަމަށް ބުނުމުން އަނިޔާ ނުދޭން ކަމަށެވެ. ފިރިހެން ކުއްޖާ ބުނީ "ރުޅިމަތީގައި އެބަސް ބުނެވުނެވެ. ނަމަވެސް އެއިގެ ކުރިން ދެމީހުން އުމުރަށް އެކުގައި އުޅެންވީ ވައުދުތައް ކޮބައިހެއްޔެވެ؟ އެހެން މީހަކު ދެކެ ދުވަހަކުވެސް ލޯބިނުވާނެކަމަށް ބުނިބަސްތައް ކޮބައިހެއްޔެވެ؟ އެކުގައި ސުވަރުގެ ހޯދަން މަސައްކަތްކުރަން ވީވައުދުތައް ކޮބައިހެއްޔެވެ؟ މިހުރިހާ ކަންކަމެއް ތިއަ ހަނދާން ނައްތައިލީ ބުނެވުނު އެންމެ ބަހަކުން ނޫންހެއްޔެވެ؟" 

ދެމީހުން އެކަކު އަނެކަކަށް މާފުކުރިއެވެ. އަވަސްއަވަހަށް ކައިވެނިކުރިއެވެ. އެކައިވެނީގައި އެތައް އަހަރެއްވީއިރުވެސް ދެމީހުން ދިރިއުޅެމުން އަންނަނީ ހަމަ ވަރަށް ލޯބިންނެވެ.  

މިވާހަކަ ކިޔުމަށްފަހު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވި ސަބަބަކީ މިފަދަ ކަންކަމުން ލިބޭ ޢިބްރަތުގެ ބޮޑުކަމުންނެވެ. ދެމީހުން އުޅެމުން އައީ ވަރަށް ލޯބިންނެވެ. ނަމަވެސް އެކަކަށް ބުނެވުނު އެންމެ ނުބައި ބަހަކާއިހުރެ ހުރިހާ ކަމެއް ގޯސްވެ ފޮނި މާޒީއަށް ހުރަސް އެޅުނީއެވެ.  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ މިވާހަކައިން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ޢިބްރަތެވެ. އެއީ އަންހެނުންނަކީ ވަރަށް ފަސޭހައިން ހިތުގަޖެހޭ ބައެއް ކަމެވެ. ފިރިހެނުންނަށްވުރެ މާފަސޭހައިން އަސަރުކުރާ ބައެއް ކަމެވެ. އަނެހުންނަށް ނިޞްބަތްކޮށް ބުނެވޭ އެންމެ ބަހަކުންވެސް އެމީހުންގެ ހިތް ކުދިކުދިވެގެން ހިނގައިދާނެ ކަމެވެ. އެކަންކަމަކީ ﷲ އަންހެނުންގެ ކިބައިގައި ލައްވަވާ ސިފައެއް ކަމެވެ.  

ވީމާ އަނބިމީހާއަށް ކަމަށްވީނަމަވެސް، ލޯބިވެރިޔާއަށް ކަމަށްވީނަމަވެސް ބަސްތައް ބުނެލާއިރު މިކަންކަމަށް ސަމާލުކަންދޭނަމަ އުފަލުގައި އެކުގައި އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ލޯބިން ދިރިއުޅުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ! އިން ޝާ ﷲ

 

- ނީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން