މަންމައަށް ނަފުރަތުކުރާނީ މަދުދަރިއެކެވެ. ފަރުވާކުޑަކަމުން އެހީތެރިނުވެވުނަސް، އަޅައިނުލެވުނަސް ގިނަ ދަރިން މަންމަ ދެކެ ލޯބިވާނެއެވެ. އެންމެ ބޮޑަށް ލޯބިވާނީވެސް މަންމަދެކެއެވެ.
މަންމައަށް ނަފުރަތުކުރާ ދަރިންނަށް ބުނެލަން އޮތީ ތިއަ ލިބިގަނެވެނީ ތިބާއަށް ލިބޭނެ އެންމެ ބޮޑު ދެރައެކެވެ. ތިއޖެހެވެނީ ޝައިޠޯނާގެ މަޅީގައެވެ. ޝައިޠޯނާ ތިއަމަޅި އެޖަހަނީ ވަރަށް ބޮޑު ބޭނުމެއްގައެވެ.
އެބޭނުމަކީ ތިބާ މަގުފުރައްދުވައި ތިބާލައްވައި ފާފަތައް ކުރުވަން ފަސޭހަވުމެވެ. މަގުފަހިވުމެވެ. މަންމަ އާއި އޮންނަންޖެހޭ ގުޅުން އޮންނަނަމަ މަންމަ އަބަދުވެސް ހެޔޮ ނަބީޙަތްދޭނެއެވެ. ނުބައިމަގަކުން ދަރިފުޅުދާނަމަ އެކަން ފާހަގަކުރާށެވެ. އިޞްލާޙްވުން އެދިގެން އާދޭސްކުރާނެއެވެ.
މަންމަ ކަރުނައަޅައި ރޯތަން ފެންނަނަމަ ދަރިންނަށް އަސަރުކުރާނެއެވެ. ޢަމަލުތައް އިޞްލާޙްވެސް ކުރާނެއެވެ. ޝައިޠޯނާގެ މަޅީގައި ޖެހެވި މަންމައާއި ދުރުހެލިވީމާ މަންމައަށް ނަޞީޙަތެއް ނުދެވޭނެއެވެ. ދެރަވެގެން މަންމަ ރޯތަނެއްވެސް ނުފެންނާނެއެވެ. ވީމާ ޝައިޠޯނާ އެމީހާ ލައްވައި ކުރުވަން ބޭނުންވާ ކަންކަން ކުރުވަން ބޮޑުތަނުން ފަސޭހަވާނެއެވެ.
އަހުރެން ބުނާނީ ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރަން ބޭނުންނަމަވެސް އަދި އާޚިރަތް ލިބިގަންނަން ބޭނުންވާނަމަވެސް މަންމައާއި ދުރުނުވާށެވެ! ގުޅުން ނުކަޑާށެވެ! މަންމައަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެ ލިބުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމުގައި ލައްވަވާފައި އެވަނީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައިކަން އަބަދުވެސް ހަނދާންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން