ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންގެ އަންހެން ދަރިންނާއި އުޚްތުންނަށް ފިރިހެނަކު ހޮވުމުގައި ބަލަންވީ ކަންތައްތައް އިރުޝާދު ދެއްވާފައިވެއެވެ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވަނީ އަންހެނަކު ފިރިހެނަކު ހޮވާއިރު، އެންމެ ފުރަތަމަ އެމަ އެމީހަކީ ދީނަށް ތަބާވާ އަދި ދީނަށް ޢަމަލުކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
ދީނަށް ޢަމަލުކުރާ މީހެއްކަން ދެނެގަތުމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ކަންކަމަށް ބަލައިގެން ނިންމޭނެ ކަމެއް ނޫނެވެ. މިސާލަކަށް، ތުނބުޅީގެ ދިގުމިނަކީ އެމީހެއްގެ ދީންވެރިކަން ވަޒަންކުރެވޭނެ މިންގަނޑެއް ނޫނެވެ. ދީނަށް ޢަމަލުކުރާ މީހެއްކަން އެނގޭނީ އެމީހަކާ މުޢާމަލާތްކޮށް، އޭނާގެ އަޚްލާޤާއި ޢަމަލުތައް ހުންނަ ގޮތް ބެލުމުންނެވެ.
ދީނަށް ޢަމަލުކުރާ މީހެއްގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ:
ﷲ އަށް އަޅުކަން ކުރުން (ނަމާދު ފަދަ ފަރުޟު އަޅުކަންތައް އަދާކުރުން)
ރިވެތި އަޚްލާޤު ހުރުން (ޣީބަ ނުބުނުން، މަކަރު ނުހެދުން)
އެހެން މީހުންނާމެދު ހެޔޮކޮށް ހިތުން (ހަސަދަވެރި ނުވުން، ދެރަކޮށް ނުބެލުން)
ތަވާޟުޢުވެރިވުން (ބޮޑާ ނުވުން)
ދީނަށް ޢަމަލުކުރާ މީހަކު ހޮވުމަށްޓަކައި، އެމީހެއްގެ އާދަތަކާއި އުޅުން ހުރި ގޮތް ބަލަން ޖެހެއެވެ. މިސާލަކަށް:
ނަމާދުތައް ޖަމާޢަތުގައި އަދާކުރޭތޯ ބެލުން
މުޖުތަމަޢުގައި އޭނާ އުޅޭގޮތް ބެލުން
އޭނާގެ މުޢާމަލާތްތައް ހުންނަ ގޮތް ބެލުން
ކައިވެނީގެ ކަންކަމުގައި ދީނަށް ޢަމަލުކުރާ މީހަކު ހޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ މިއީ ދިގު މުއްދަތަކަށް ކުރެވޭ ގުޅުމަކަށް ވާތީއެވެ. އެހެންކަމުން، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ރަނގަޅަށް ވިސްނައި، ދުޢާކޮށް، އަދި އިތުބާރުހުރި ފަރާތްތަކުގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ތިބާ ބޭނުންވަނީ އޭނާގެ ދީންވެރިކަމާއި އަޚްލާޤު ދެކަމުގައިވެސް ފުރިހަމައަށް ޢަމަލުކުރާ މީހެކެވެ. މިގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވަނީ، ތިބާގެ އުޚްތަށް ނުވަތަ އަންހެން ދަރިފުޅަށް ކައިވެނީގެ ހުށަހެޅުމެއް ލިބިއްޖެނަމަ، އޭނާގެ ދީންވެރިކަމާއި އަޚްލާޤު ޤަބޫލުކުރެވޭ ނަމަ، އެ ކައިވެނި ކޮށްދިނުމަށެވެ. މިއީ ހަމައެކަނި ދީންވެރިކަން އެކަނި ބެލުމެއް ނޫނެވެ. އަޚްލާޤަށްވެސް ބަލަންޖެހެއެވެ.
އަޚްލާޤުގެ ތެރޭގައި ހިމެނެނީ ކޮން ކަންތައްތަކެއްތޯ ބަލާއިރު، އޭނާއަކީ ހިތްވަރުގަދަ އަދި ދީލަތި މީހަކަށް ވާންޖެހެއެވެ. އަންހެނަކަށް ދިމާވެދާނެ އެންމެ ނުބައި ކަމަކީ ބަޚީލު މީހަކާ ނުވަތަ ޚަރަދުކުރުމުގައި ވަރަށް ދަތިކުރާ މީހަކާ ކައިވެނިކުރުމެވެ. މިފަދަ ކައިވެނިތަކުގައި ދިރިއުޅުން ވަރަށް އުނދަގޫވެ ދަތިވެގެންދާނެއެވެ.
އެހެންކަމުން، ކައިވެނިކުރާ ފިރިހެނާގެ އަޚްލާޤު ޤަބޫލުކުރެވޭ ފެންވަރެއްގައި ހުންނަންޖެހެއެވެ. އޭނާއަކީ ދީލަތި އަދި ކެތްތެރި މީހަކަށް ވާންޖެހެއެވެ. ކޯފާވުމުގައި ހައްދުފަހަނަޅާ ދާ މީހަކާ ދުވަހަކުވެސް ކައިވެނި ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެފަދަ މީހުންނަކީ އެންމެ ނުރައްކާތެރި ބައެކެވެ. ގިނަ ފަހަރަށް މިފަދަ ފިރިހެނުންގެ މައްސަލަތައް ފާހަގަކުރެވެއެވެ. އެމީހުން ރުޅިއައިސްގެން އަނބިމީހާގެ މައިންބަފައިންނާއި އުޚްތުންނާއި ދަރިންނަށް ނުބައިބަސްތައް ކިޔައެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ބުނަނީ ކުށެއް ހެދިއްޖެ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
- މިއަދުނޫސް