މިއީ ޝެއާކުރުމުން ޘަވާބާއި ދަރުމަ ދެއްވަވާނެ ލިޔުމެއް! ނަމާދުނުކޮށް ތިބުމާ ނަމާދަށް ރައްކަތެރި ނުވުމަކީ އަމިއްލައަށް ނަރަކައަށް ވަނުންކަން ގާތް ކަމެއްކަން އެނެމެންނަށް ބުނެދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
މިއީ ޝެއާކުރުމުން ޘަވާބާއި ދަރުމަ ދެއްވަވާނެ ލިޔުމެއް! ނަމާދުނުކޮށް ތިބުމާ ނަމާދަށް ރައްކަތެރި ނުވުމަކީ އަމިއްލައަށް ނަރަކައަށް ވަނުންކަން ގާތް ކަމެއްކަން އެނެމެންނަށް ބުނެދެއްވާ!

ނަރަކައިން ސަލާމަތްވެވެން އޮތީ ފަރުޟް ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ މިންވަރަށް ކޮށްގެންކަން މުސްލިމުންނަށް އެނގޭއިރުވެސް ގިނައީ ނަމާދުނުކުރާ މީހުންނެވެ. ނަމާދުކުރާ މީހުންގެ ތެރޭގައިވެސް 5 ނަމާދު ހަމައަށް ނުކުރާ މީހުން އުޅެއެވެ.  

ބައެއް މީހުންނަށް ކިރިޔާ، ކިތަންމެ ކޫޑަކުޑަ ކަމެއް ދިމާވިނަމަވެސް ފުރަތަމަވެސް ބަލަނީ ނަމާދު ފަސްކުރެވޭތޯއެވެ. ނަމާދުނުކޮށް ދޫކޮށްލަންވެސް އެމީހުން ބިރެއް ނުގަނެއެވެ.  

އެކުވެރިންގެ ތެރޭގައި ވަރަށް ކުދިކުދި ކަންކަމާއި ގުޅުވައިގެންވެސް ނަމާދުނުކުރާ މީހުން ތިބޭތީ އެފަދަ އެކުވެރިންނަށް ވިސްނައިދޭން ދޭނެ ނަޞޭޙަތަކާއި ގުޅޭގޮތުން ގިނަ ބައަކު ސުވާލުކުރާތީ މިގެނެސްދެނީ އެފަދަ ލިޔުމެކެވެ. އިން ޝާ ﷲ  

ނަމާދު ނުކޮށް ހުންނަން ހުއްދަވާ ޢުޒުރެއް ނެތި ބުއްދި ސަލާމަތުން ހުރިމީހަކު ނަމަ ނަމާދު ނުކޮށް ދޫކޮށްލެވޭނެ ޝަރުޠު އެންމެންނަށްވެސް އެނގެއެވެ. އެއީ ނިދުމާއި ހަނދާންނެތުމެވެ.

މިސާލަކަށް ބުނާނަމަ ހައިޟުވެރިންނަށާއި ނިފާސްވެރިންނަށް ނަމާދުކުރުމެއް ނެތެވެ. ނަމަވެސް ޖުނުބުވެރިންނަށް ހިނައިގަނެ ނަމާދުނުކޮށް ނުތިބެވޭނެއެވެ.  

ނިދުމުގެ މާނައިގައިވެސް ނަމާދަށް ހޭލަން ބޭނުންނުވެ ޤަޞްދުގައި ނިދާފައި އޮންނައޮތުން ޢިލްމުވެރިން ނުހިމަނުއްވައެވެ. މިސާލަކަށްބުނާނަމަ ފަތިސްނަމާދަށް ހޭލަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. ގަޑި ނުވަތަ ފޯނު ސޯނާކުރަންވާނެއެވެ. ކުރިއާލައި ނިދަން މަސައްކަތްކުރަންވާނެއެވެ. ނިދުމުގެކުރިން ކުރުސިވެސް ކިޔަންވާނެއެވެ.   

ހަމައެފަދައިން މަޣްރިބް ނަމާދުގެ ވަޤުތު ޖެހި ވަޤުތު ފިލައިދަންދެން ނިދާފައި އޮތުމެއް ނެތެވެ. ތިމާގެ ކިބައިގައި އެފަދަ އާދައެއް އަށަގަންނަވަން ހެޔޮނުވާނެއެވެ. ދިމާވާ ގޮތަކުން ޖަމާއަތުގެ ނަމާދުގައި ބައިވެރިނުވެވުނަސް ވަޤުތު ފާއިތުވުމުގެ ކުރިން ކޮންމެ ނަމާދެއްވެސް ކުރަން މަސައްކަތްކުރަންވާނެއެވެ. 

ވުޟޫގެ ގުނަވަނެއްގައި ފެން ނުޖެއްސޭނަމަ ތަޔައްމަމް ކޮށްގެންވެސް ނަމާދުކުރަންވާނެއެވެ. ހަނދުމަކޮށްލާށެވެ! ޑޮކްޓަރުންނަށް އެންމެ ބާރުބޮޑުވެގެންދިއައީ ކޮވިޑުގެ ދުވަސްވަރުގައެވެ. ކޮވިޑްގެ އެންމެ ބާރުބޮޑު ދުވަސްތަކުގައިވެސް މުސްލިމް ޑޮކްޓަރުން އެހައި ބުރަކޮށް މަސައްކަތްކުރަމުން ވެސް ފަރުޟް ނަމާދުތަކަށް ރައްކައުތެރިވިއެވެ. ތަޅުމުގައި އަތްލަން ޖެހިލުންވާތީ އުޅުނީ ތަޔައްމަމްކުރާނެ ހިލަ ޖީބަށް އަޅައިގެންނެވެ. މުސްލިމުންނަކީ އެހާލަތުގައިވެސް ނަމާދުއަޅައިގެންވާނެ ބައެއް ނޫންވީމައެވެ.  

އެއީ ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުން ކަމަށްވެފައި ނަމާދުން ފޭލްވެއްޖެނަމަ އެހެން އަމަލުތައް ފޭލްވެގެންދާނެކަމުގެ ބިރަކީ އޮތް އެންމެ ބޮޑު ބިރުކަމަށްވާތީއެވެ. އެއަށްވުރެ ބޮޑު ބިރެއް ނެތެވެ. މަރުވުމަށްވުރެވެސް ބޮޑުކަމަކީ އެއީކަމަށްވާތީއެވެ.  

ކަންމިހެން އޮތް ނަމަވެސް ބައެއް މީހުން ބަލަނީ ކިތަންމެ ކުޑަ ކަމެއް ކުރިމަތިވި ނަމަވެސް ނަމާދު ނުކޮށް ހުރުމަށެވެ. އެކަން ބަހަނާއަކަށް ދައްކައިގެންނެވެ. ނަމާދު އެޅުމަށް އޮތީ އެންމެ ދެ އުޒުރު ކަމާއި އެއީ ވަގުތުޖެހި، ވަގުތު ފާއިތުވި އިރުވެސް ނިދިފައި އޮތުމާއި ހަނދާން ނެތުންކަން ހަނދާނަކު ނުހުރެއެވެ. 

މީސްތަކުންނޭވެ! ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. އެ ތަނބު މުގުރައި ނުލާށެވެ! އެ ތަނބު މުގުރާ މީހަކަށް ޤިޔާމަތް ދުވަހު ސަލާމަތް ކަމެއް ނެތިދާނެ ކަމަށް ބިރުވެތިވާށެވެ! ކޮންމެ ހާލެއްގައި ނަމަވެސް ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަގުތުގައި ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކޮންމެ ދުވަހަކު ވެސް އެދުވަހަކު ކުރަން ޖެހޭ 5 ނަމާދު ތަރުތީބުން ކުރުމަކީ އެހެން އެއްވެސް ކަމެއް ނުކުރި ނަމަވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުކޮށް އެކަމަށް ޢަމަލުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން