ރާއްޖޭގައި ބޮޑެތި އުޅަނދުފަހަރު މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިންގ ފެސިލިޓީއެއް ޤާއިމުކުރުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ. މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދީ ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ބިން ނުވަތަ ޖާގަ މި މަހުގެ ތެރޭގައި ހަމަޖެހޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
އެމްޑީ ސައުދީ ފާހަގަކުރެއްވި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން އެމްޓީސީސީން ބޭނުންކުރާ 'މަހާޖައްރާފު' ފަދަ ބޮޑެތި އުޅަނދުތައް ރާއްޖޭގައި ތިބެގެން ސާވިސް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. ބިން ލިބުމާއެކު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސިލިޓީގެ މުހިންމުކަމާ ގުޅޭގޮތުން ސައުދީ ވިދާޅުވީ، "ސަރުކާރުން އަޅުގަނޑުމެންނަށް މިހާރު ހުއްދަ ދެއްވާފަ އެއޮތީ. މިސާލަކަށް އަޅުގަނޑުމެން މި ބޭނުންކުރާ މަހާޖައްރާފުތައް. އެއީ އިންޓާނޭޝަނަލީ ރެޖިސްޓާކޮށްފަ ކްލާސްކޮށްފަ ހުންނަ އެއްޗިސްކަމަށް ވާތީ ވަކި ޕީރިއަޑްތަކެއްގައި އަޅުގަނޑުމެން ޖެހޭ ސާވިސްކުރަން މިގެންދަންޖެހެނީ ރާއްޖެއިން ބޭރުގެ އެކިއެކި ޑޮކިންގ ފެސިލިޓީތަކަށް ސާވިސްކުރަން. އެހެންމަ މިކަމަށް ވަރަށް ބޮޑު ޚަރަދުތަކެއް ބޭރުފައިސާއިން އެބަ ކުރަންޖެހޭ."
މި މަޝްރޫޢަކީ އެމްޓީސީސީއާއި ސަރުކާރު ގުޅިގެން އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްލޭންގެ ދަށުން ޑްރައި ޑޮކިންގ ފެސިލިޓީގެ އިތުރުން، ޓްރާންޝިޕްމެންޓް ޕޯޓަކާއި ބަންކަރިންގ ފެސިލިޓީއެއް ޤާއިމުކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މިފަދަ އިތުރު ޚިދުމަތްތަކާއެކު ފެސިލިޓީ ޤާއިމުކުރުމުން ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މިހާރުވެސް ތިލަފުށީގައި އެމްޓީސީސީން އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ސައުދީ ވިދާޅުވީ، އެތަނުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އަލަށް ޤާއިމުކުރާ ފެސިލިޓީއާއެކު މި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.