ފާމަސިސްޓުން ތަމްރީން ކުރުމާއި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ސްޓޭޓް ފާމަސޫޓިކަލްއިން ވިލާ ކޮލެޖާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ސްޓޭޓް ފާމާ ކުންފުނިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފާމަސިސްޓުން ތަމްރީން ކުރުމާއި، އެ ދާއިރާއިން ކިޔަވާ ޒުވާނުންގެ އަދަދު އިތުރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، މި ދާއިރާއިން ދަސްވެނިވާ ފަރާތްތަކަށް ދެ ފަރާތް ގުޅިގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ވަނީ މިހާރުވެސް މި ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށްޓަކައި ރިފްރެޝަރ ކޯސްތަކެއް ވިލާ ކޮލެޖާ ގުޅިގެން ހިންގުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. މިއީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޓޭޓް ފާމާއިން ދަނީ ރާއްޖޭގެ ތައުލީމީ މުއައްސަސާތަކާ ގުޅިގެން މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ފާމަސިސްޓުން ތަމްރީނުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާވެސް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނިކާގެ މަންދޫބުންނާއެކުވެސް މި މަހުގެ ކުރީކޮޅު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގެ ފާމަސޫޓިކަލް ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.