ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު ވުޖޫދުވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގެ އެތައް އާއިލާތަކަކާއި ކުދި ވިޔަފާރިވެރިން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއްކަން ފުލުހުން ފާހަގަކުރެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ހުށަހެޅުނު 3،000 މައްސަލައިގައި އާންމުންގެ އަތުން ޖުމްލަ 35,144,703.32 (ތިރީސް ފަސް މިލިއަން) އަށްވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13,296,072.51 (ތޭރަ މިލިއަން) އަށްވުރެ ގިނަ ރުފިޔާއެވެ. ފައިސާ ގެއްލުނު މައްސަލަތަކުގެ ތެރެއިން އެއްކޮށް ފައިސާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، މިއީ ފައިސާ ގެއްލުމަށްފަހު އަނބުރާ ހޯދުމަކީ އުނދަގޫ ކަމެއްކަން ހާމަކޮށްދޭ ކަމެކެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަ ހިމެނެއެވެ.
މިފަދަ އޮޅުވާލުންތައް އެންމެ ގިނައިން ހިންގަނީ ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް 1,093 މައްސަލަ އަދި ވައިބަރ މެދުވެރިކޮށް 911 މައްސަލަ ހިންގާފައިވެއެވެ. މީގެ އިތުރުން ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ވަސީލަތްތައްވެސް ސްކޭމް ހިންގުމަށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން ވަނީ އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ތެދު މައުލޫމާތު ކަމަށް ނުބެލުމަށާއި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެއީ ކާކުތޯ ޔަގީންކުރުމަށް ވަނީ އެދިފައެވެ. އަދި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށާއި، ޝައްކުއުފެދޭ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.