ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދަނީ ދޫކުރަމުން: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދަނީ ދޫކުރަމުން: ބީއެމްއެލް

ކާޑު މުޢާމަލާތްތަކާއި، ޓީޓީ ހެދުމާއި އަދި އެހެނިހެން ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް 2.7 މިލިޔަން ޑޮލަރު ދޫކުރަމުންދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ، މުޙައްމަދު ސައީދުއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާއި ބީއެމްއެލްއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، އިޤްތިޞާދީ ދުވެއްޔަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ބޭންކަށް ފޯރާ ކަމަށެވެ. އެގޮތުން ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ބޭރުގެ ފައިސާއަށް، ޚާއްޞަކޮށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ޤައުމަކަށް ވުމާއެކު، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދޭކަމަށް ސައީދު ވިދާޅުވިއެވެ. "ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދަނީ ދޫކުރަމުން" ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ބޭންކުން ވަނީ ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައެވެ. އަދި ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޑޮލަރު އޭޓީއެމްތަކުގެ ބޭނުން ހިފަމުންދާ މިންވަރަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިޔަން ޑޮލަރު ކަސްޓަމަރުން ނަގަމުންދާ ކަމަށެވެ. މިއީ ބޭރު ފައިސާގެ މުޢާމަލާތްތަކަށް އޮތް ބޮޑު ޑިމާންޑް ހާމަކޮށްދޭ ކަމެކެވެ.

މިއަދު އޮންލައިން