މީރާއިން ޖުލައި މަހު 3.41 ބިލިއަން ރުފިޔާ ބަލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
މީރާއިން ޖުލައި މަހު 3.41 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖުލައި 2026 ގައި ޖުމުލަ އާމްދަނީގެ ގޮތުގައި 3.41 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.2 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.6 އިންސައްތަ ދަށް އަދަދެކެވެ.

ޖުލައި 2025 އާ އަޅާބަލާއިރު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކް އިންކަމް ޓެކްސް، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، ޖީ.ޖީ.އެސް.ޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. ވަކިން ހާއްސަކޮށް، ބޭންކް އިންކަމް ޓެކްސް އިތުރުވެފައިވަނީ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓްތައް ދައްކާފައިވުމާއި، 2026 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ކުރީ އަހަރަށްވުރެ އިތުރުވުމުންނެވެ.

އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ ދަށްވި ސަބަބުތަކަށް ބަލާއިރު، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް ދަށްވުން ހިމެނެއެވެ. މީގެ އިތުރުން، އިންކަމް ޓެކްސް ނެގުމުގެ މުއްދަތު ބަންދު ދުވަހަކާ ދިމާވުމުން އޮގަސްޓް 2 އަށް އިތުރުކުރުމާއި، 2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 3.1 އިންސައްތަ ދަށްވުންވެސް ހިމެނެއެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ޖުމުލަ 449 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 248 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 78 މިލިއަން ރުފިޔާ ހިމެނެއެވެ. ޖުމުލަ އާމްދަނީގެ 11.0 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ.

ޖުލައި މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 1.66 ބިލިއަން ރުފިޔާ (48.6%) އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީ.އެސް.ޓީން 1.05 ބިލިއަން ރުފިޔާ (30.4%) ލިބިފައިވެއެވެ. މީގެ އިތުރުން ގްރީން ޓެކްސް، އެއަރޕޯޓް ފީ އަދި ޑިޕާރޗަރ ޓެކުހުންވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 108.36 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިއަދު އޮންލައިން