އަހުރެމެންގެ މައިންބަފައިންނަށްވުރެ މާބޮޑަށް ﷲ ތަޢާލާ އަހުރެމެންދެކެ ލޯބިވެވޮޑިގަންނަވާއިރު އަހުރެމެންނަށް އެކަން އަހުރެމެންގެ ޢަމަލުތަކުން އެބަދެއްކޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަހުރެމެންގެ މައިންބަފައިންނަށްވުރެ މާބޮޑަށް ﷲ
ތަޢާލާ އަހުރެމެންދެކެ ލޯބިވެވޮޑިގަންނަވާއިރު އަހުރެމެންނަށް އެކަން އަހުރެމެންގެ
ޢަމަލުތަކުން އެބަދެއްކޭތަ؟


 ކޮންމެ މުސްލިމަކުވެސް އެދޭނީ ސުވަރުގެއެވެ. ކޮންމެ

ގޮތަކުން ނަމަވެސް ސުވަރުގެ ޙާޞިލްކުރުމެވެ. އެހެން ނަމަވެސް ސުވަރުގެ ޙާޞިލުކުރަން ކުރާ ދަތުރުގައި މިސްރާބް އޮޅި ދެވޭނުދެވޭ ދިމާލެއް ނުއެނގި ދަތުރުކުރާނަމަ ސުވަރުގެ ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ އިތުރަށް ވިސްނައިލަމާ ހިނގާށެވެ!

ބައެއް މީހުން ﷲ ތަޢާލާއަށް ލޯބިން އެއްވެސް ކަމެއް ކުރާތަނެއް ނުފެނެއެވެ. ﷲ ތައާލާ ދެކެ ލޯބިވާ ކަމަށް ބުނަނީ ހަމައެކަނި ބުނެލާ ބުނެލުމަކަށެވެ. ޢަމަލަކުން އެކަމެއް ނުފެނެއެވެ. ކިޔަމަންތެރިއެއް ނުވެއެވެ. އިހްތިރާމެއް ނުކުރެއެވެ. މާނައަކީ ﷲ ތައާލާގެ އަމުރުފުޅުތައް ބަލައިގަނެ ކުރުމަށް އަމުރުފުޅު ކުރެއްވެވި ކަންކަން ނުކުރާ ކަމެވެ. އެންމެ ކުޑަމިނުން ނަމާދުވެސް ނުކުރާ ކަމެވެ. ޞަދަޤާތްވެސް ނުދޭކަމެވެ.

 

އެހެންކަމާއިއެކުގައިވެސް އެމީހުންގެ މައިން ބަފައިން ދެކެ ގިނަ ބައަކު ވަރަށް ލޯބިވެއެވެ. ކިޔަމަންތެރިވެސްވެއެވެ. އިހްތިރާމްވެސް ކުރެއެވެ. ހޭދަވެސް ކުރެއެވެ. އެފަދަ މީހުން ބުނަނީ އެކަންކަން ކުރަނީ މައިން ބަފައިން އެމީހުންނަށް ކޮށްދިން ހެޔޮ ކަންތައްތަކަށް ޝުކުރުވެރިވުމަށް ކަމަށެވެ.

 

މީސްތަކުންނޭވެ! އިސްފަސް ނުކުރާށެވެ! އެންމެ ބޮޑަށް ލޯބިވާންވީ ﷲ ތަޢާލާ އަށެވެ. ކިޔަމަންތެރިކަން އެންމެ ފުރިހަމައަށް އަދާކުރަންވީ ވެސް ﷲ ތަޢާލާއަށެވެ. ތިބާއަށްޓަކައި ހެޔޮ ލަފާ މައިން ބަފައިން ދެއްވެވީ ވެސް ﷲ ތަޢާލާ ނޫންހެއްޔެވެ؟ ވީމާ ފުރުތަމަ ޝުކުރުވެރިވުން އޮތީ ﷲ ތަޢާލާއަށް ނޫން ހެއްޔެވެ؟

 

އަދިވެސް ކީއްހެއްޔެވެ؟ އަހުރެމެންގެ މައިންބަފައިން އަހުރެމެންދެކެ ލޯބިވާވަރަށްވުރެ 70 ގުނަ އިތުރަށް ﷲ ތަޢާލާ އަހުރެމެންދެކެ ލޯބިވެވޮޑިގަންނަވައެވެ. ވީމާ އަހުރެމެންނަށްވެސް އޮތީ އެނިޞްބަތުން ﷲ ތަޢާލާ ދެކެ ލޯބިވާކަން ޢަމަލުން ދައްކަން މަސައްކަތްކުރުމެވެ.

 

މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެހީތެރިވެ އޯގާތެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. މަތިވެރި އަޅުކަމެކެވެ. ނަމަވެސް އެކަން އަޅުކަމަކަށްވާނީ ފުރަތަމަ ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދާއިމެދުގައިކަން ހިތަށް ގެނައުމުން މިދެއްކި ހުރިހާ ވާހަކަތަކަށް ދަލީލު ލިބޭނެއެވެ!

 

ﷲ ތަޢާލާއަށް ލޯބިކޮށް ކިޔަމަންތެރިކަން އަދާކުރާ މީހާ އެމީހެއްގެ މައިންބަފައިން ދެކެ ވެސް އަނބިދަރިންނާއި އަދި އެންމެހައި މީސްތަކުން ދެކެ ވެސް ލޯބިވާނެއެވެ. ވީމާ ތަރުތީބުން ކަންކަން ކުރާށެވެ! ކުރާ ކަންކަމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.

 

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެ ޙާޞިލުކުރެވެން އޮތް ސަބަބެކެވެ! އެހެންކަމާއިއެކުވެސް ސުވަރުގެ ވެއްދެވުމާއި ނުވައްދެވެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެންމެ ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތަސް ލޯބިވެ ކިޔަމަންތެރިކަން އަދާކުރުމަށެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން