މަރްޔަމް ސާޖިދާ
ދިރިއުޅުމަކީ އިމްތިހާނުތަކާއި، ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެކެވެ. ބައެއް ފަހަރު އުފާވެރިކަމާއި ކާމިޔާބީއާ ބައްދަލުވާއިރު، އަނެއްބައި ފަހަރު ހާސްކަމާއި ނާއުންމީދުގެ ކަނޑަކަށް އިންސާނާ ޣަރަޤުވެގެންދެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި މުއުމިނެއްގެ ހިތަށް ސާބިތުކަމާއި ހަމަޖެހުން ގެނެސްދޭ އެންމެ ބާރުގަދަ ހަތިޔާރަކީ މާތްﷲ އަށް ވަކީލުކުރުމެވެ.
ވަކީލުކުރުމަކީ ކޮބާ؟
ވަކީލުކުރުމަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި، އެންމެހާ ކަންކަން ތަދުބީރުކުރައްވާ އިލާހްއީ މާތްﷲ ކަމަށް ފުރިހަމައަށް ގަބޫލުކޮށް، އެކަލާނގެއަށް ހިތުގެއަޑިން ބަރޯސާވުމެވެ. ނަމަވެސް، މީގެ މާނައަކީ އަތްއުރާލައިގެން ކަމެއް ނުކޮށް ތިބުމެއް ނޫނެވެ.
ޙަޤީޤީ ވަކީލުކުރުމަކީ:
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވެއެވެ. މީހަކު އެކަލޭގެފާނުގެ ޖަމަލު ދޫކޮށްލާފައި ވަކީލުކުރާ ފަރާތްތަކާ މެދު ސުވާލުކުރުމުން ހަދީޘްކުރެއްވިއެވެ: "އެ ޖަމަލު އައްސާށެވެ. އަދި (އެއަށްފަހު) ﷲ އަށް ވަކީލުކުރާށެވެ." (ތިރްމިޛީ
ވަކީލުކުރުމުން ދިރިއުޅުމަށް ލިބޭ ފައިދާތައް
1. ހިތުގެ ހަމަޖެހުމާއި ހާސްކަމުން ދުރުވުން ހުރިހާ ކަމެއްގެ ބާރު އޮތީ މާތްﷲ ގެ އަތްޕުޅުގައިކަން ދަންނަ މީހާ، މުސްތަޤްބަލާ މެދު ބިރުގަނެ ހާހެއް ނުވާނެއެވެ. އޭނާގެ ހިތުގައި ވަނީ ދާއިމީ ހަމަޖެހުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) އޭނާއަށް އެކަލާނގެ ފުދެއެވެ. " (ސޫރަތުއްޠަލާޤް 3)
2. ރިޒުޤުގެ ބަރަކާތް އިތުރުވުން ދިރިއުޅުމުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޒުޤެވެ. ﷲ އަށް ޙަޤީޤީ މާނައިގައި ވަކީލުކޮށްފިނަމަ، ދޫނިސޫފާސޫފިތަކަށް ރިޒުޤުދެއްވާ ފަދައިން އިންސާނާއަށް ރިޒުޤުދެއްވާނެއެވެ. ހުސްބަނޑާ ހެނދުނު ހާލިން ނުކުންނަ ދޫނި، ހަވީރު އެނބުރި އަންނަނީ ބަނޑުފުރިގެން ހުރެއެވެ.
3. ނާކާމިޔާބީއާ ކުރިމަތިލާނެ ހިތްވަރު ލިބުން ކަމެއް ތިމާ އެދޭ ގޮތަށް ނުދިއުމުން މާޔޫސްވުމުގެ ބަދަލުގައި، ވަކީލުކުރާ މީހާ ބުނާނީ "މިއީ ﷲ ގެ މިންވަރުފުޅެވެ. މީގައި ކޮންމެވެސް ހެވެއް ވާނެއެވެ" މިފަދައިންނެވެ. މިއީ ނަފްސާނީ ގޮތުން ދިރިއުޅުމުގައި ކުރިއަށްދާން ލިބޭ ބޮޑު ބާރެކެވެ.
ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކާމިޔާބީގެ އަސްލަކީ ﷲ އަށް ވަކީލުކުރުމެވެ. އިމްތިހާނަކަށް ތައްޔާރުވުން، ވަޒީފާއެއް ހޯދުން، ނުވަތަ ބައްޔަކަށް ބޭސްކުރުން ވިޔަސް، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ފުރިހަމައަށް މަސައްކަތްކުރުމެވެ. އަދި ހިތުގެ ޔަޤީންކަމާއެކު ﷲ އަށް ކަންކަން ޙަވާލުކުރުމެވެ. އޭރުން ދިރިއުޅުން އުފާވެރިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ.
- މިއަދުނޫސް