ތިބާއަށް އެންމެ ފައިދާ ބޮޑު ރަޙްމަތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިބާއަށް އެންމެ ފައިދާ ބޮޑު ރަޙްމަތަކީ ކޮބާ؟

ބައެއް މީހުންނަށް ވިސްނެނީ ދުނިޔޭގައި މީހަކަށް ލައްވަވާނެ އެންމެ ބޮޑު ރަޙްމަތަކީ ތަނަވަސްކަން ކަމަށެވެ. ތަނަވަސް ދިރިއުޅުމެއް ލިބުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

މީހަކަށް ލިބޭނެ އެންމެ ބޮޑު ރަޙްމަތަކީ އެމީހެއްގެ މައިންބަފައިން ދުނިޔޭގައި ތިބެ އެމީހުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުމެވެ. ޚިދުމަތްކުރުމުގައި ދެގޮތެއްވެއެވެ. ފުރަތަމަކަމަކީ ތަނަވަސްކަން ހުރި ވަރަކުން އެހީތެރިވުމެވެ. ދެވަނަ ގޮތަކީ އެމީހުންނަށް އަޅައިލުމެވެ. ހަމައެއާއިއެކު ވިސްނަންވީ ތަނަވަސްކަން ހުރީތީ ހޭދަކުރިނަމަވެސް އަޅާލައި އެހީތެރިވާންޖެހޭނެ ކަމެވެ.  

މައިންބަފައިންނަށް ޚިދުމަތްކުރުމަކީ އެންމެ ބޮޑު ރަޙްމަތްކަމަށްވާ ސަބަބަކީ އެއީ އެމީހަކަށް ސުވަރުގެ ލިބުމަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބެއްކަމަށްވާތީއެވެ. ޞަޙާބީންގެ ޒަމާނުގައި މައިންބަފައިން ނިޔާވުމުން ކީރިތިކުރައްވަމުން ވަނީ އެކަން ހާމަކުރައްވައިފައެވެ.  

ޢައްބާސްގެފޭނު އަވަހާރަވިދުވަހު ދަރިކަލުން ކީރިތިކުރައްވަމުން ވިދާޅުވި ބަސްފުޅުހަނދުމަކުރާށެވެ! "އަހުރެން މިރޮނީ ބައްޕަ ނިޔާވެގެނެއް ނޫނެވެ. އެންމެ ފަސޭހައިން ސުވަރުގެ ދެވެން އޮތް ފުރުޞަތު ބަންދުވީތީއެވެ." އެވިދާޅުވީ ބައްޕާފުޅު އަވަހާރަވުމުން ބައްޕާފުޅަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ގެއްލިވަޑައިގެންނެވިވާހަކައެވެ. އެކަމުގެ ސަބަބުން ފަސޭހައިން ސުވަރުގެ ލިބިވަޑައިގަތުމުގެ ފުރުޞަތު ގެއްލިވަޑައިގެންނެވި ވާހަކައެވެ.

ވީމާ މައިންބަފައިން ދުނިޔޭގައި ތިބިނަމަ ވީހާ ރަނގަޅަކަށް އެމީހުންނަށް ކަންކަން ކުރާށެވެ. އަޅާލައި ހެޔޮކޮށް ހިތާށެވެ. އެހީތެރިވާށެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ފައިދާބޮޑު ފުރުޞަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން