އެކުވެރިޔާގެ ކުންފުނި ކަމަށްވުމުން ޔަޤީންކަން ބޮޑުވެ އަނބިމީހާގެ ދުޢާ ބޭނުން ނޫންކަމަށް ބުނެފަ އިންޓަރވިޔުއަށް ދިއަ ފިރިއަކަށް ދިމާވި ހިތާމަވެރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެކުވެރިޔާގެ ކުންފުނި ކަމަށްވުމުން ޔަޤީންކަން ބޮޑުވެ އަނބިމީހާގެ ދުޢާ ބޭނުން ނޫންކަމަށް ބުނެފަ އިންޓަރވިޔުއަށް ދިއަ ފިރިއަކަށް ދިމާވި ހިތާމަވެރި ގޮތުގެ ވާހަކަ-

އަނބިމީހާ ވަޒީފާ އަދާކުރެއެވެ. ފިރިމީހާގެ ވަޒިފާ ގެއްލުނުތާ އަހަރުވީއިރުވެސް ވަޒިފާއެއް ނުލިބެއެވެ. އެއްވެސް ޝަކުވާއެއް ނުކޮށް ހުރިހާ ޚަރަދުތަކެއް ބަލަހައްޓަމުން އައީ އަނބިމިހާށއެވެ.

ވަޒީފާގެ ފުރުޞަތަކަށް ބަލަމުން ދަނިކޮށް އެންމެ ގާތް އެކުވެރިއެއްގެ ކުންފުންޏެއްގައި ވަޒީފާގެ ފުރުޞަތެއް އެބައޮތްކަން އެނގުމުން ވަޒިފާއަށް ކުރިމަތިލިއެވެ. އިންޓަރވިޔުއަށް ދާން އޮތް ދުވަހު ހެދުނު ސައިބޯން ތިބެގެން އަނބިމީހާ ފިރިމީހާއަށް ހެޔޮދުޢާކުރުމުން ފިރިމީހާ އައީ ރުޅިއެވެ.  

ފިރިމީހާ ބުނީ "ތިއަ ދުޢާކުރީ އަހުރެންނަށް ވަޒިފާ ލިބުނީމާ، ވަޒީފާ އެލިބުނީ ކަލޭގެ ދުޢާއިން ކަމަށް ހަދަންވެގެން ހެއްޔެވެ؟ އަހުރެން ކަލޭގެ ދުޢާ ބޭނުމެއް ނޫނެވެ. އެކުވެރިޔާ އަހުރެންނަށް ވަޒީފާ ދޭނެއެވެ." އަނބިމީހާ ޖަވާބެއް ނުދެއެވެ. ތެދުވެގެން ވަޒީފާއަށް ދިއައީއެވެ.

ހަވީރު އަނބިމީހާ ގެއަށް އައިއިރު ފިރިމީހާ އިނީ ވަރަށް ދެރަވެފައެވެ. އެކަން އެނގުނު ކަމަށް ނުހަދައި އާދައިގެމަތިން ސަލާމްގޮވާފައި ވަދެގެން ދިއައީއެވެ. ފިރިމީހާ އެއްވެސް ސުވާލެއްވެސް ނުކުރެއެވެ.  

އަނބިމީހާ ތިރިއަށް ފައިބައި ދެމީހުންނަށް ސައިހެދީމާ ސައިބޯން ތިބެގެން ފިރިމީހާ ބުންޏެވެ. "އިންޓަރވިޔުކުރަން އިނީ އެކުވެރިޔާއެއް ނޫނެވެ. އޭނާ ނިންމީ އަހުރެން ވަޒީފާއަށް ކޮލިފައި ނުވާ ކަމަށެވެ. އެކުވެރިޔާއަށް ގުޅުމުން ބުނީ އެކަމުގައި އޭނާ އަމިއްލައަށް ކަންކަން ނުނިންމާތީ ކޮސްދެވޭނެ ކަމެއް ނެތް ކަމަށެވެ."  

އަނބިމީހާ ބުންޏެވެ. "ތިބާ ގާތު ނަމާދުކުރަން ބުނެވުނު ވަރެއް އެނގޭހެއްޔެވެ؟ ތިބާ ޢިޖާބައެއް ނުދެއެވެ. ނަމާދުނުކުރާ ފިރިއަކާއެކު އުޅުން ހުއްދަނުވާނެތީ ވަރިވާން ވިސްނަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިއަދު ތިއަ ދައްކައިލީ ކަލޭގެ އަޞްލު ސިފައެވެ. ކިތަންމެ ޣާތް އެކުވެރިއެއްގެ ކުންފުންޏެއް ނަމަވެސް ވަޒީފާ ލިބޭނީ ﷲ ގެ ރަޙުމަތްފުޅުންނެވެ. އެހެންވީމާ އޮތީ ދުޢާކުރުމެވެ. ކަލޭ ދުޢާ ނުކުރިތަނުގައި އަހުރެން ދުޢާކޮށްދިނުމުން އެކަމަށްވެސް ތިބާކުރީ އިންކާރެވެ. އައީ ރުޅިއެވެ. އެހެންވީމާ ދެމީހުން ވަކިވުމުގެ ވަޤުތެވެ. ރީތި ގޮތުގައި ވަރިކޮށްދީފައި ނުކުމެގެންދާށެވެ. ޢިބްރަތް ޙާޞިލުކޮށް ކަންކަން އިޞްލާޙްކުރާށެވެ. ނަމާދުކުރާށެވެ. ދުޢާކުރާށެވެ. ހެޔޮ ގޮތް މިންވަރުކުރައްވަވާނެތެވެ. އަހުރެން ރުޅިއެއް ނޫނެވެ. އަހުރެން ތިބާއަށް ހެޔޮދުޢާކުރާނަމެވެ."  

ފިރިމީހާ ވަރަށް ދެރަވެ މާފަށް އެދުނެވެ. އަނބިމީހާ އެދުނު ގޮތަށް ކަންކަން ކުރާނެ ކަމަށާއި ވަރިކުރަން ބޭނުން ނޫންކަމަށް ބުނުމުން އަނބިމީހާ ބުނީ ލޯބިވާތީ އެންމެ ފަހު ފުރުޞަތު ދޭނެ ކަމަށެވެ. ނަމަވެސް ޢިޞްލާޙްވިކަން ޢަމަލުން ދެއްކުމަށެވެ.  

މިއީ މިއަދުނޫހަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. ކިޔުންތެރިންގެ ކިބައިން އެދެނީ ޢިބްރަތް ޙާޞިލުކުރުމަށެވެ.

 

- މިއަދުނޫސް  

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން