ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ފްރައިޓުގެ އަގު ނުވަތަ މުދާ އުފުލުމަށް ކުރާ ޚަރަދު ބޮޑުވުން ކަމަށް ރާއްޖޭގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
"އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ އޮޕަރޭޝަންތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. އެމްއެސްއެސް އިން ދަނީ ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ފީޑަރ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ޝިމާދު ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފްރައިޓުގެ އަގުތަކުގެ އިތުރުން ބޯޓުތަކުގެ އިންޝުއަރެންސަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އޮމާނުގެ ބަނދަރަކީ ހަނގުރާމައިގެ ސަރަހައްދެއް ނޫން ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރާ ނަމަ "ވާ ރިސްކް" އިންޝުއަރެންސް ނަމުގައި ވަކި އިންޝުއަރެންސެއް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ޖެހެނީ ވޯ ރިސްކް އިންޝުއަރެންސެއް ނަގަން. އެކަމަކު ޕޮލިސީ ވިއްކަނީ އެންމެ މަދުވެގެން ހަފްތާއަކަށް. އޮމާން އާއެކު ޓްރާންސެކްޝަން ހިންގާތީ ހަފްތާއަކަށް ބޭނުން ނުވިޔަސް، އެ އިންޝުއަރެންސް ނަގަން ޖެހުމުން އެ ޚަރަދު ވެސް އިތުރުވޭ،" ޝިމާދު ވިދާޅުވިއެވެ.
ތެލުގެ އަގުތަކާ ގުޅޭގޮތުން ޝިމާދު ވިދާޅުވީ، މިދިޔަ މޭ އަދި ޖޫން މަހު ތެލުގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔަ ވަގުތު، ތެލުގެ އަގު ތިން ގުނައަށް އިތުރުވެގެން ދިޔަ ކަމަށެވެ. ނަމަވެސް، މި ޚަރަދުތައް ކުޑަކުރުމަށް އެސްޓީއޯގެ އަމިއްލަ ދެ ބޯޓުގައި ތެޔޮ ގެނައުމަކީ ލިބުނު ވަރަށް ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝިމާދު އިތުރަށް ވިދާޅުވީ، މިހާރު ބޯޓެއް ޗާޓަރު ކުރާ ނަމަވެސް އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ކުރިން 600,000 ޑޮލަރަށް ޗާޓަރު ކުރި ބޯޓެއްގެ އަގު މިހާރު 950,000 ޑޮލަރަށް އުފުލިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ އަތްމަތީގައި އޮތް ކަމެއް ނޫން ނަމަވެސް، އެފް.އޯ.ބީ ކޯސްޓާއި، ޝިޕިންގ އަދި އިންޝުއަރެންސް ކޯސްޓަށް އަންނަ ބަދަލުތަކުގެ ބުރަ އުފުލަން ޖެހޭ ކަމަށެވެ.