މާލެ، ދިވެހިރާއްޖެ: މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރެވޭނެ ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ފުރުޞަތު ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ މި އެއްބަސްވުމުގެ 'ޓާމްސް އޮފް ރިފަރެންސް' (ޓީއޯއާރް) ގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިއީ މި އެއްބަސްވުމާ ގުޅޭ ފަންނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވަޒީރު ސަޢީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޒުވާނުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، ރާއްޖެ ޑިޖިޓަލް އިޤްތިޞާދެއްގެ ތެރެއަށް ވެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ނަންމަޝްހޫރު ޕްލެޓްފޯމްތަކާއެކު ގުޅުން ބަދަހިކުރަން ފަށާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، 'އޮތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް އަލީބާބާ ފަދަ ވަސީލަތްތަކުގައި 400 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން މިހާރު ލިސްޓުކޮށްފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.