މިހާތަނަށް 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
މިހާތަނަށް 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި: ވަޒީރު އިޙްސާން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިކަން ހާމަކުރެއްވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި 295،678 ބިދޭސީން އުޅެމުންދިޔަ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ ނުވަތަ ކާކުކަން ދެނެގަނެވޭނެ ވަސީލަތެއް ދައުލަތުގެ އިދާރާއެއްގައި ހުރީ އެންމެ 27،200 ބިދޭސީންގެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރު ހަވާލުވިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 270،000 އެއްހާ މީހުންނަކީ އެއީ ކޮންބައެއްކަން ކަށަވަރުކުރެވޭނެ އެއްވެސް މަޢުލޫމާތެއް ނެތް މީހުންނެވެ. މިއީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ކުރެވުނު ހިތްވަރުގަދަ މަސައްކަތުން 294،000 ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު މިހާރު ވަނީ އެއްކުރެވިފައެވެ. އަދި މިހާރު ކާކުކަން ނޭނގި ނުވަތަ އައިޑެންޓިފައި ނުވެ ތިބީ އެންމެ 1،102 މީހުން ކަމަށާއި، އެމީހުން ދެނެގަތުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށް ވާއިރު، މި ސަރުކާރުން އަންނަނީ "އޮޕަރޭޝަން ކުރަނގި" ނަމުގައި މުޅި ރާއްޖޭގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަމުންނެވެ.

މިއަދު އޮންލައިން