ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތު ސަރުކާރުން ތަންފީޒުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަމަށް މީގެ ކުރީގެ އެކި ސަރުކާރުތަކުންވެސް ބުނެފައިވީ ނަމަވެސް، މިހާތަނަށް އެކަން އަމަލީގޮތުން ތަންފީޒުކުރެވިފައެއް ނުވެއެވެ.
މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރިން ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މުހިންމު މަރުހަލާތަކެއް އެބަހުރި ކަމަށެވެ. އަދި އެކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ބާރުސްޕީޑުގައި ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަންޖެހޭ. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތުގެ އިތުރުން، ޙުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ތައްޔާރުވާންޖެހޭ އެހެނިހެން ކަންކަމަށްވެސް ސަރުކާރުން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.