މާލީ ނިޒާމަށް އޮންނަ އިތުބާރު ނަގާލުމަކީ މުޅި ޤައުމަށް ލިބޭނެ އިޔާދަނުކުރެވޭނެ ގެއްލުމެއް: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މާލީ ނިޒާމަށް އޮންނަ އިތުބާރު ނަގާލުމަކީ މުޅި ޤައުމަށް ލިބޭނެ އިޔާދަނުކުރެވޭނެ ގެއްލުމެއް: ބީއެމްއެލް

ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު ނަގާލުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، މުޅި ޤައުމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މާލީ އިދާރާތަކާއި، ވަކިން ޚާއްޞަކޮށް ބީއެމްއެލްއާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ޚަބަރުތައް ފެތުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި އިޤްތިޞާދަށް ކުރާނެ ކަމެއް ކަމަށެވެ. ސަޢީދު މިފަދައިން ވިދާޅުވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެވެ.

ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. އަދި ބޭރުގެ މާލީ އިދާރާއަކާއެކު އޮންނަ އެންމެ ގުޅުމެއް ކެނޑިގެން ދިޔަ ނަމަވެސް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ބޭރު ޤައުމުތަކުގައި ތިބޭ ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުން ބޭންކް ކާޑުތައް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުން ޑޮލަރު ދޫކުރާ މިންވަރާ ގުޅޭގޮތުން ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސަޢީދު ވިދާޅުވީ، 2023 ވަނަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 40 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. ނަމަވެސް، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިހާރު މަހެއްގެ މައްޗަށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ބޭންކުން ވިއްކަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ބޭންކުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ވިއްކަމުންދާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 570 މިލިޔަން ޑޮލަރު ބޭންކުން ދޫކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މި މަޝްވަރާގައި ސަޢީދު ވަނީ މާލީ ނިޒާމުގެ ހަމަޖެހުމާއި އިތުބާރު ދެމެހެއްޓުމަކީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން