ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މި މިނިސްޓްރީއާއި ސްރީލަންކާގެ ސުވަސެވަނަ ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މި މިނިސްޓްރީއާއި ސްރީލަންކާގެ ސުވަސެވަނަ ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމާ ގުޅޭ ގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު މިއަދު ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެމް.އޯ.ޔޫގައި ސޮއިކުރުމަށް ރޯޝަނީ ބިލްޑިންގގެ މޫމިނާ މާލަމުގައި، ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ މިސްޓަރ ބަންޑުލާ އެގޮޑަގޭ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސް ވެރިންނާއި، ސުވަސެވަނާ ހޮސްޕިޓަލުގެ ބޭފުޅުން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ ވަނީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމުގައި މިއަދު ސޮއި ކުރެވުނު އެމް.އޯ.ޔޫގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މި ޕާޓްނަރޝިޕްއަކީ މުހިއްމު ޕާޓްނަރޝިޕް އެއްކަމާ، އޭގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ޚާއްސަ ކްލިނިކަލް ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފުޅާވެ، އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި އެމް.އޯ.ޔޫގެ މަޤްޞަދަކީ އިންތިޒާމުވެގެން ހިންގޭ ކްލިނިކަލް އިންޓަރންޝިޕް ޕްރޮގްރާމެއްގެ ޒަރީޢާއިން ޤާބިލު މެޑިކަލް ޕްރޮފެޝަނަލުން ބިނާކުރުމުގައި މި މިނިސްޓްރީ އާއި ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު އޮތް ގުޅުން ބަދަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި އެމް.ބީ.ބީ.އެސް ގްރެޖުއޭޓުންނަށް އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަރންޝިޕްގެ ފުރުޞަތު ފޯރުކޮށްދޭނެއެވެ. އަދި އަހަރަކު 20 ދަރިވަރުން ތަމްރީނުކުރުމުގެ ޖާގަ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ، އަދި ރާއްޖޭގެ މެޑިކަލް ތަޢުލީމާއި ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން