ރާއްޖޭގެ މާލީ އޮނިގަނޑު ނުވަތަ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަގުސަދުގައި، "ނޭޝަނަލް ޕޭމަންޓް ސްވިޗް" އެއް ޤާއިމުކުރުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތައް ރައްކާތެރިކަމާއެކު ހިންގުމަށްޓަކައި ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް، އެ ސިސްޓަމް ހިންގާނޭ އުސޫލުތައް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައެޅުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޤައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ "ނޭޝަނަލް ޕޭމަންޓް ސްވިޗް" ކަމުގައި ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމްއެމްއޭއަށް ލިބޭނެ ކަމަށެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސިވްޗެއް ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.