ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ނިންމާލައި، ނަތީޖާ އިޢުލާނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ނިންމާލައި، ނަތީޖާ އިޢުލާނުކޮށްފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލައި، އެ އޮޑިޝަންތަކުގެ ނަތީޖާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު އިޢުލާނުކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރި ގޮތުގައި، އޮޑިޝަންގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ނަތީޖާތައް މިހާރު ވަނީ އެ މަރުކަޒުގެ ޕޯޓަލަށް އަޕްލޯޑް ކުރެވިފައެވެ. ބައިވެރިވި ކުދިންގެ ނަތީޖާ ބެލުމަށްޓަކައި، ޕޯޓަލްއަށް ވަނުމަށްފަހު އެ ކުއްޖެއްގެ އައިޑީކާޑު ނަންބަރު ޖެހުމުން ނަތީޖާ ފެންނާނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް ވަރަށް މުހިއްމު އަދި ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މިގޮތުން، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ވަނީ މުބާރާތުގެ ކުރިން ޚާއްޞަ އޮޑިޝަން ބުރުތަކެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޑިޝަންތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ 21 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ފަހަރުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް ޖުމްލަ 3,050 ކުދިން ރަޖިސްޓްރީ ކުރިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2,742 ކުދިންނެވެ.

މި ބަދަލުތަކާއެކު ކުރިއަށްދާ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތަކީ، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ދަރިވަރުންނަށް ފުރުޞަތު ހުޅުވާލުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގެ މައިގަނޑު ބުރުތައް އޮންނާނެ ތާރީޚުތައް ކުރިއަށް އޮތް ތަނުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރާނެއެވެ.

މިއަދު އޮންލައިން