ދީނުގެ ކަންކަން ދަސްކުރަންޖެހެއެވެ. ނަމަވެސް
ދަސްކުރަން މަސައްކަތްކުރެވެނީ މަދު މީހަކަށެވެ. ނިކަން ބުނެބަލާށެވެ. އެންމެ ކުޑަމިނުން ކީރިތި ޤުރްއާނުގެ މާނައާއި ސްޙީޙް ބުޚާރީ އަދި މުސްލިމްގެ ސަމަރައިޒްޑް ވާސަންގައިވާ ޙަދީޘްފުޅުތަކުގެ މާނަކިޔައިލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ތިބާ ކިޔައިފިން ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުނުކުރެވި ތިމާއަކީ ދީން އުނގެނެން މަސައްކަތްކުރާ މީހަކަށް ނުވެވޭނެއެވެ. ވީމާ ފުރަތަމަ ކަމަކަށް އެކަންކުރާށެވެ!
އިސްލާމް ދީން މަތިވެރިކުރަން ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވާނެއެވެ. އެގޮތުން އެމީހަކަށް ޔަޤީންކުރެވޭ ހެޔޮ ބަސްތަކާއި ނަޞޭޙަތްތައް ގިނަގިނައިން ފަތުރައި މީސްތަކުންނަށް ހަނދާންކޮށްދޭށެވެ! އެކަމުގެ ފައިދާ ކުރާނެއެވެ! އިން ޝާ ﷲ. އެހެންކަމާއިއެކުވެސް ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ.
މިނަޞޭޙަތް ދޭން މިޖެހެނީ އިސްލާމް ދީނުގެ ވަރަށް ކުދިކުދި ކަންކަމާއިމެދު ސޯޝަލް މީޑިއާގައި ކުރެވޭ ބަހުސްތައް ހޫނުވެ ނުރަނގަޅު ނަތީޖާ ނުކުންނަމުންދާތަން ފެންނަމުން އަންނާތީއެވެ. އެހެންއެވަނީ ފުރިހަމައަށް މައުލޫމާތު ނެތި ބަހުސްގައި ބައިވެރިވެވޭތީއެވެ. އެފަދަ ކަންކަން މެދުވެރިވުމުން އިސްލާމް ދީނަށް ޚިދުމަތް ކުރަން ކުރެވޭ ކަންކަމުގެ ނަތީޖާ ފެންނަނީ ރަނގަޅަކަށް ނޫނެވެ.
ތިމާއަށް އެކަމެއްގެ މައުލޫމާތު ފުރިހަމައަށް ލިބިފައިނުވާ ކަންކަމުގައި މީހުން ކުރާ ބަހުސްތަކުގެ ތެރެއަށް ވަދެ ބައިވެރިނުވާށެވެ! އެކަމުން ލިބޭނީ ގެއްލުމެވެ. އެހެނީ މީހާގެ ނިޔަތް ކިތަންމެ ރަނގަޅު ނަމަވެސް ޖަދަލުކުރާ މީހާ ދައްކާ ވާހަކަ ބާޠިލުކަން ހާމަކޮށް ނުދެވިއްޖެ ނަމަ އަޑުއަހާ މީހުންގެ ކުރިމަތީގައި ޙައްޤާއިމެދު ޝައްކު އެފެދިދާނެއެވެ. ބާޠިލު އެއީ ޙައްޤުކަމުގައި ޤަބޫލުކުރެވުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.
ކޮންމެ މީހަކު ކުރާހައި ބަހުސެއްގައި ބައިވެރިވެ ރައްދު ދޭން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ބައިވެރިވި ނަމަވެސް ތިމާއަށް އެނގޭ ޙައްޤު ބަސް ބުނުމަށްފަހު އިތުރަށް ކުރިއަށް ނުގެންދާށެވެ. ތިމާ ދައްކާ ވާހަކަ "ބައްދައިލުމުގެ" ފުރުޞަތު ނުދޭށެވެ.
ބައެއް ފަހަރަކު 2 މީހަކު އެމީހުންގެ އަމިއްލަ ކަންކަމުގައިވެސް އެބަ ބަހުސްކުރެއެވެ. އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދެއެވެ. އެފަދަ ބަހުސްތަކުގެ ތެރެއަށް އެއްވެސް ވަރަކަށް ނުވަންނާށެވެ! އެކަން އެ ބައަކަށް ދޫކޮށްލާށެވެ! އެހެނީ އިތުރު މީހުން ބަހުސްގައި ބައިވެރިވުމުން މައްސަލަ ވާނީ އިތުރަށް ހޫނެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން