އިސްލާމް ދީނުގެ ކަންކަން އޮޅުވައިލުމަށާއި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް އަންނަނީ އިތުރުވަމުންނެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް މިއީ މުސްލިމުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށްވެސް ބެލެވެއެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް ހަނދުމަކޮށްދެމެވެ.
ބައެއް ޓީވީޗެނެލްތަކުން ފެންނަ ކަންކަމުގެ ތެރޭގައި ދޮގުވާހަކަތަކާއި މީހުންގެ ޢަބުރު ކަތިލުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ވާހަކަތައް ހިމެނެއެވެ. މިކަންކަމަކީ ޣީބަ ބުނުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވާއިރު އެފަދަ ޗެނެލްތައް ބަލައި އަޑުއެހުމުން ފާފަވެރި ނުވާނެތޯ؟ މިސުވާލުކުރަން މިޖެހުނީ މިވާހަކަ އަޅުގަނޑުދެއްކީމަ ގޭގެ ބައެއް މީހުން އަޅުގަނޑުދެކެ ރުޅިއަންނާތީއެވެ.
އެނގިހުރެގެން ފިތުނަވެރި ވާހަކަތަކާ ދޮގު އަޑުއެހުމަކީ ޤިޔާމަތްދުވަހު ތިބާގެ ކަންފަތް ތިބާއާ ދެކޮޅަށް ހެކިދޭނެ ކަމެކެވެ! ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
"މީހުންގެ އަބުރަށް އަރައިގަނެ ޣީބަބުނުން ފަދަ ފާފަތައް ކުރެވޭ ތަންތަން ކަމުގައި ހޮޅުއަށި، ޖޯލިފަތި ފަދަ ތަންތަން މީގެ ކުރިން ވަނީ ވެފައެވެ. އެފަދަ ތަނަކަށް ނުދިޔަކަމުގައި ވިޔަސް މިހާރު އަހުރެމެން މިފަދަ ފާފަތަކުގައި ބައިވެރިވަނީ ގޭގެ ސިޓިންގް ރޫމުގައި ޓީވީ ޓީވީ ބަލަން ތިބެގެންނެވެ. އެކި ޗެނަލް ތަކުން އެކި ޕްރޮގްރާމް ތަކުގެ ނަމުގައި ފޮނުވާ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ދައްކާ އަޑު ޝައުގުވެރިކަމާއި އެކު އަހައިގެންނެވެ.
ދަންނާށެވެ! ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އިވުމާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ."
- ޢަބްދުﷲ މާހިދު