ހިތްދަތިކަމުގަ ދުވަސްތައް ހޭދަކުރަންނުހަދާށެވެ! ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންވެސް އުފާވެރިކަން ނުހޯދާނަމަ ކުރިމަތިވާ މައްސަލަތައް މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހިތްދަތިކަމުގަ ދުވަސްތައް ހޭދަކުރަންނުހަދާށެވެ! ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންވެސް އުފާވެރިކަން ނުހޯދާނަމަ ކުރިމަތިވާ މައްސަލަތައް މާބޮޑުވާނެ!

ލޮބުވެތި އެކުވެރިންނޭވެ! އިންސާނުންނަށް އުފާވެރިކަން ލިބުން އޮތީ ބޮޑު ތަނަވަސްކަމެއް ލިބުމަކުން، ރީތި ގެއެއް ލިބުމަކުން، އެންމެ ފަހުގެ ކާރެއް ލިބުމަކުން، އަދި ރީތި ފޭރާމާއި އަގުބޮޑު ގަހަނާ ފަދަ ތަކެތި ލިބުމަކުންވެސް ނޫނެވެ. މިފަދަ ނިޢުމަތްތައް ކިތަންމެ ގިނައިން ލިބުނަސް ހިތްހަމަޖެހުން ނުލިބި އުފާވެރިކަމެއް ނުލިބޭނެއެވެ. އުފާވެރިކަން ނުލިބޭނަމަ މީހާއަށް އަބަދުވެސް ހުންނަންޖެހޭނީ ހާސްވުމާއި ކަންބޮޑުވުންމަތީގައެވެ.  

ވީމާ ކޮންމެ މީހަކާއިއެކު ނުވަތަ ކޮންމެ ބައަކާއިއެކު ދިރިއުޅުނަސް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދަން މަސައްކަތްކުރަންވާނެއެވެ. އެކަމަށް މަސައްކަތްކުރުމުން އެކަން ޙާޞިލުނުކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ މާޔޫސްބަލީގެ ޝިކާރައަކަށްވުމުގެ ކުރިން އެމީހަކާއި ނުވަތަ އެބައަކާއި ވަކިވުމެވެ.  

ނަމަވެސް އެއީ ކުރަން އެހައި ފަސޭހަ ކަމެއްވެސް ނޫނެވެ. އެއީ ވަރަށް ވޭންހުރި ކަމެކެވެ. އެކަމަކުވެސް އެކަމަށް ކުރިމަތިލާށެވެ! ކާމިޔާބުވެސްކުރާށެވެ! އެއިރުން ކުޑަ ދުވަސްކޮޅަކަށްފަހު ހިތްހަމަޖެހުން ލިބޭނެއެވެ. އުފަލުގައި އުޅެވެން ފަށާނެއެވެ. ނަމަވެސް އެބަދަލު ނުގެނައިނަމަ އަބަދުވެސް އުޅެންޖެހެނީ ހިތްދަތިކަމުގައެވެ. އެއީ ހިތަށާއި ސިކުނޑިއަށް އެންމެ ބުރަބޮޑު ގޮތެވެ. އަދި އެންމެ ގެއްލުންހުރި ގޮތްވެސްމެއެވެ.  

ދެން އޮތީ ހިތްހަމަޖެހުން ލިބޭ ކަންކަމަށް ބަލައިލުމެވެ. އެކަމަކީ މުސްލިމުންނަށް ހުއްދަ ކަންކަމަށްވާންޖެހޭނެއެވެ. އަދި ދެމަފިރިއަކު ނަމަ އަނެކާއަށް ކޮށްދެވޭނެ ކަންކަމަށްވެސް ވާންޖެހޭނެއެވެ. ދަރިއަކު ނަމަ އެދެންވާނީ މައިންބަފައިންނަށް ކޮށްދެވޭނެ ކަންކަމަށެވެ.  

ދެން ބުނެލަން އޮތީ ދުނިޔޭގެ ދިރިއުޅުމުގައި އެހައިގިނަ، އެހައި ބޮޑެތި ކަންކަން ޙާޞިލުވުމަށް ލޯބިނުކުރާށެވެ! ކިރިޔާ ފުދުނަސް އެއީ ވަރަށް ބޮޑު މިންވަރެއްކަމަށް ޤަބޫލުކުރާށެވެ. ތިމާ އެދޭ ހުރިހާ ކަންކަން ޙާޞިލުކުރެވި އިމެއްނެތި އުފާވެރިކަން ލިބުން އޮތީ ހަމައެކަނި ސުވަރުގެއިންކަން ޤަބޫލުކޮށްގެން ސުވަރުގެ ޙާޞިލްކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ތަޤްވާވެރިކަން އިތުރުކުރެވޭ ވަރަކަށް ދާނީ ހިތްހަމަޖެހުން ލިބި އުފާވެރިކަން އިތުރުވަމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން