މިސް! އަޅުގަނޑުމެންގެ ގޭގަ މުސްލިމުންނަކީ އަޅުގަނޑާ މާމައާ ކާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިސް! އަޅުގަނޑުމެންގެ ގޭގަ މުސްލިމުންނަކީ އަޅުގަނޑާ މާމައާ ކާފަ!

އިސްލާމް މިސް ނަމާދާއި ބެހޭ ފިލާވަޅެއް ނަގައިދިން ދުވަހެކެވެ. ބުނެދިނީ މުސްލިމަކަށްވެވޭނީ ނަމާދުކުރާނަމަ ކަމަށެވެ. ބަނަގި ގޮވީމާ ނަމާދުކުރަން އަވަސްވެގަންނަން ޖެހޭނެ ކަމަށާއި ނަމާދުކުރުން ކަމަސްވާނީ ފަރުޟް 5 ނަމާދުކުރުމުން ކަމަށެވެ.  

އެމޭރުމުން ކުދިންނަށް ކިޔައިދިނުމުން 10 އަހަރުގެ ކުއްޖަކު ތެދުވެފައި ބުންޏެވެ. "މިސްއެވެ! އަޅުގަނޑުމެންގެ ގޭގައި ނަމާދުކުރަނީ އަޅުގަނޑާއި މާމައާއި ކާފައެވެ. ކާފަ އަޅުގަނޑު މިސްކިތަށް ގެންދެއެވެ. ކާފަ ނެތްނަމަ މާމަ ބުނަނީ އިމާމްވެ އަޅުގަނޑު ނަމާދުކުރުމަށެވެ. އެހެން އެކަކުވެސް ނަމާދެއް ނުކުރެއެވެ. އެހެންވީމާ އަޅުގަނޑުމެންގެ ގެއިން މުސްލިމުންނަށްވާނީ އަޅުގަނޑާއި މާމައާއި ކާފަނޫންތޯއެވެ؟"  

ލޮބުވެތި ބެލެނިވެރިންނޭވެ! އެކުއްޖާ އެބުނީ ހާދަ ބޮޑު ވާހަކައެކެވެ. ހިތާމައާއިއެކުވެސް ބުނަންޖެހެނީ އެއީ މިއަދު ގިނަ ގޭގޭގައި ކަންތައް ހުރި ގޮތްކަމަށެވެ. ބެލެނިވެރިން މިއަދު މިކަމަށް ހޭލުންތެރިނުވެއްޖެނަމަ އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ ޤިޔާމަތް ދުވަހު ދޭނީ ކޮން ޖަވާބެއްތޯއެވެ؟

ނަމާދުކުރާ ބައަކަށްވާށެވެ! ދަރިންގެ ގާތުގައި ނަމާދުކުރަން ބުނުމަކުން އަދި ނުފުދެއެވެ. މައިންބަފައިންނަކީ ނަމާދުކޮށް ދަރިންނަށް ނަމޫނާ ދައްކާ ބައަކަށްވާން އެބަޖެހެއެވެ. ނަމާދުން ފޭލްވެއްޖެނަމަ އެެހން ހުރިހާ ޢަމަލުތަކެއް ފޭލްވެގެންދާނެކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ވީއިރު ނަމާދަށް ފަރުވާކުޑަކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން