މ. ވޭވަށުގައި ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެރަށަށް ބޭނުންވާ އާ ޕެނަލް ބޯޑު އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމަށްފަހު، ރަށުގެ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ކަރަންޓު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ރޭވިގެން ކުރެވެމުންނެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ އެރަށުގެ ކަރަންޓު ނެޓްވޯކް ވަރުގަދަކުރުމަށްޓަކައި ގެންދެވުނު އާ ޕެނަލް ބޯޑު ބެހެއްޓުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއަކީ ވޭވަށުގެ ރައްޔިތުންނަށް މެދުނުކެނޑި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.
މި އާ ޕެނަލް ބޯޑާއެކު ވޭވަށުގެ ކަރަންޓަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.