މޯލްޑިވިއަނުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މޯލްޑިވިއަނުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި


ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ (DHC-6 Twin Otter Classic 300-G) މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގްއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ޓްވިން އޮޓަރ ބޯޓުތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައި ވެފައިވާ އުޅަނދުތަކެކެވެ. މި އައު ބޯޓުތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށާއި ރަށްރަށަށް ފަތުރުވެރިން އުފުލުމުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ މަތިންދާބޯޓު ގެނައުމަށް އޯޑަރކުރި ފުރަތަމަ ދިވެހި އެއަރލައިނަކީ މޯލްޑިވިއަންއެވެ.

މި ބޯޓުތައް ގަތުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ސީޕްލޭންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މި މަރުކާގެ ބޯޓުތަކަކީ އޭގެ ވަރުގަދަކަމާއި އިތުބާރުގެ ސަބަބުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބޯޓުތަކެކެވެ.

މިއަދު އޮންލައިން